ގްލޯބަލް އިންޑިއާ ބިޒްނަސް ފޯރަމް (ޖީއައިބީއެފް) ގެ ފަރާތުން އިންތިޒާމްކޮށްގެން އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "4 ވަނަ އިންޑިއާ - އޭޝިއާ ބިޒްނަސް ކޮންކްލޭވް 2026" އަދި "އިކޯ ސަސްޓެއިން އެކްސްޕޯ 2026" ގައި ބައިވެރިވުމުގެ ދައުވަތު ދިވެހިރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް އަރުވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ޖުލައި 31 އިން އޯގަސްޓް 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންކްލޭވްއަކީ، މި ސަރަހައްދުގެ ބައިނަލްއަގުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއްކަމަށެވެ.

މި މައުރަޒުގައި އިންޑިއާގެ 500 އަށްވުރެ ގިނަ ވިޔަފާރި ކުންފުނިތަކުގެ އިތުރުން، ބައިނަލްއަގުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ހައްދަވާ ފަރާތްތަކާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ޑިޕްލޮމެޓުން، ސިނާއީ ޖަމާއަތްތައް އަދި އޭޝިއާ ސަރަހައްދުގެ 20 އަށްވުރެ ގިނަ ގައުމުތަކުގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކޮންކްލޭވްގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު ގައުމުތަކުގެ ވިޔަފާރިވެރިންނާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކުގެ އިތުރުން ޖޮއިންޓް ވެންޗާ ފުރުސަތުތަކާއި، ސެކްޓާ ބޭސްޑް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ފަހި ވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން އިންވެސްޓްމަންޓް ފުރުސަތުތައް ބައިނަލްއަގުވާމީ ފަރާތްތަކަށް ދައްކާލުމުގެ ފުރުސަތު ފަހިވެ، އިންފްރާސްޓްރަކްޗާ، ޓޫރިޒަމް، ރިނިއުއަބަލް އެނާޖީ، ފުޑް ޕްރޮސެސިން، ހެލްތްކެއާ، އެޑިއުކޭޝަން، ޓެކްނޮލޮޖީ، މެނުފެކްޗަރިން، ލޮޖިސްޓިކްސް އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން ގުޅުން ގާއިމުކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދިވެހި ވިޔަފާރިތަކުން، ގޫގަލް ފޯމް މެދުވެރިކޮށް ބައިވެރިވުމަށެވެ.