ހދ. ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލުނު މީހާ ފެނިފައިވަނީ ހޮނޑާފުށީ ގޮނޑުދޮށުން ކަމަށެވެ.
މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރުކަމަށާއި، ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށްކަމަށެވެ.
އޭނާއަށް އަވަސް ސިއްހީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ސިއްހީ މަރުކަޒާ ހަވާލާދީ އެމްއެންޑީއެފް އިން ބުނީ ފަރުވާ ދިނުމަށްފަހު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
