ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި، ގުދުސްގެ މުގައްދަސް ބިންތަކުގެ ތާރީހީ އަދި ދީނީ ހައިސިއްޔަތު ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލާފައިވަނީ އީޖިޕްޓްގެ ކައިރޯގައި މިއަދު ބޭއްވި "2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލެމް" ގައެވެ. "ޖެރޫސަލަމް: ދަ ފްރޮންޓްލައިން އޮފް ޑިސްޕްލޭސްމަންޓް އެންޑް އެނެކްސޭޝަން އެންޑް ދަ ކީ ޓޫ ޖަސްޓް އެންޑް ލެސްޓިން ޕީސް" ގެ ނަމުގައި ބޭއްވި މި ކޮންފަރެންސަކީ ޔޫނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއީއައިއާރްޕީޕީ) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ތަގްރީރުކުރެއްވީ އޯއައިސީ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރުއެވެ.
ސަފީރުގެ ތަގްރީރުގައި، އިސްރާއީލުގެ އިސްތިއުމާރުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތި ހާލަތަށް އަލިއަޅުއްވާލެއްވިއެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް، ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖެއިން ބާރުއެޅިއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެ އެޖެންސީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަފީރު ގޮވާލެއްވިއެވެ. ރާއްޖޭގެ ފަރާތުން ބާރުއެޅީ، ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތު ހިމާޔަތްކުރެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކޮށްގެން ކަމަށެވެ.
ސީއައިއާރްޕީޕީ އަކީ 1975 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން އުފެއްދި ކޮމިޓީއެކެވެ. ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ދަނީ މިފަދަ ހުރިހާ ބައިނަލްއަގްވާމީ މަންސަަތަކެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރަމުންނެވެ.
