ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާ, ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ނެރެފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ކ. ތުލުސްދޫ، ބިޖިލީއުފާ، އުމުރުން 29 އަހަރުގެ ރޫނާގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، ކޯޓުން މިހާރު ވަނީ އޭނާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
މި މައްސަލައިގައި ރޫނާގެ އިތުރުން ގ.މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25 އަހަރު) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަލްޔާ ހައްޔަރުކުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަސްޓަމްސް އިން އޭނާ ހިފެހެއްޓުމަށްފަހުގައެވެ. އަދި ރޫނާ ހައްޔަރުކުރީ އެ ރޭ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ މުޅި އޮޕަރޭޝަން ރާވައި، އިސްކޮށް ހަރަކާތްތެރިވީ ރޫނާއެވެ. އަލްޔާ ރާއްޖެއިން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ މަތިންނެވެ. މި މައްސަލައިގައި ފުލުހުން ބުނީ ރޫނާ ދިރިއުޅޭ ގެއިން ފެނުނު ލަގެޖުން ފެނުނު ތަކެއްޗާއި، ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ ފޮށީގައި ހުރި ތަކެތި އެއްގޮތް ކަމަށެވެ. މީގެ އިތުރުން ފޯނު ރެކޯޑްތަކުން ވެސް ހެކި ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުރަތަމަ ތަހުގީގު މަރުހަލާގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.820 ކިލޯގްރާމް ކަމަށް ބުނެފައިވީ ނަމަވެސް، ފަހުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން މި މައްސަލައިގައި ހިމެނެނީ 1.5 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ.
މި މައްސަލައިގެ ފަހުގެ އަޑުއެހުންތަކުގައި އަލްޔާގެ ފަރާތުން ބުނެފައިވަނީ، އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި، ރޫނާއާ ދިމާވީ އެ ފަރުވާގެ ތެރެއިން ކަމަށެވެ. އަދި ރޫނާ އޭނާ "ގްރޫމް" ކޮށް، ނުފޫޒު ފޯރުވައިގެން މަޖުބޫރުން ކުށުގެ ތެރެއަށް ވައްދައި ބޭރަށް ފޮނުވީ ކަމަށް އަލްޔާގެ ވަކީލު ތުހުމަތުކުރެއެވެ.
އަނެއްކޮޅުން، ރޫނާގެ ދިފާއީ ވަކީލުން ވަނީ އޭނާ ހައްޔަރުކުރި ވަގުތުގެ ފުލުހުންގެ ބޮޑީ ކެމެރާ ފުޓޭޖް ހޯދުމަށް އެދިފައެވެ. އަދި ރޫނާ ބަންދުގައި ބަހައްޓާފައި ހުރީ ފާހާނާއެއް ވެސް ނެތް އެކަހެރި ގޮޅިއެއްގައި ކަމަށް ބުނެ، އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ގޯސްވަމުންދާތީ އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމަށް އެދިފައެވެ.
މި ދެ މީހުންގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި އެތެރެކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުމުގެ ސީރިއަސް ތުހުމަތުތަކެކެވެ. މަސްތުވާތަކެތީގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން މިފަދަ ކުށެއް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރެވޭނެއެވެ.
