އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ 10 މިލިއަން ޑޮލަރުގެ މާލީ އެހީއާއެކު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން ކުރިއަށްގެންދާ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" ގެ ބައެއް މުހިންމު މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ނުދާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް އޮފީހުން ނެރުނު މި މަޝްރޫއުގެ 2025 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަޝްރޫއުގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރަނގަޅަށެވެ. އަދި މަޝްރޫއަށް ދޫކުރި ފައިސާ ބޭނުންކޮށްފައިވަނީ ކަނޑައެޅިފައިވާ މަގުސަދުތަކަށް ކަމުގެ ޔަގީންކަން ވެސް އޮޑިޓުން ވަނީ ދީފައެވެ. ނަމަވެސް، މަޝްރޫއުގެ ބައެއް އަމަލީ މަސައްކަތްތައް ހިންގުމުގައި ބޮޑެތި ލަސްތަކެއް ހުރިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 8 ބުރީގެ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިޑް އިވެލުއޭޝަން މަރުހަލާ ދިގުލައިގެން ގޮސްފައިވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މި އިމާރާތް ހެދުމަށް ލަފާކުރި ބަޖެޓަށްވުރެ ހިނގާނެ ހަރަދު ބޮޑުވުމުގެ ސަބަބުން، މަޝްރޫއުގެ ދަށުން ހޯދުމަށް ހަމަޖެހިފައިވާ ބައެއް ވެހިކަލްތައް ހޯދުމުގެ މަސައްކަތަށް އަސަރުކޮށްފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި ވެކްސިން ބެހުމަށް ބޭނުންވާ ވޭންތައް ހޯދުމަށް ކުރި ކޮންޓްރެކްޓް، ސަޕްލަޔަރަށް އެއްބަސްވި މުއްދަތުގައި ވެހިކަލްތައް ފޯރުކޮށްނުދެވުމުގެ ސަބަބުން މެއި 12، 2026 މި އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ. އަދި ބަޖެޓުގެ ތަށިކަމުގެ ސަބަބުން، މި ވޭންތަކާއި ރެފްރިޖަރޭޓަޑް ޓްރަކްތައް ހޯދުމުގެ މަސައްކަތް މިވަގުތު މަޑުޖެހިފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

މި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މި މަޝްރޫއުގެ ދަށުން ރަށްރަށަށް ވެކްސިން ފޯރުކޮށްދިނުމަށް ބޭނުންވާ ސްޕީޑް ބޯޓުތައް ހޯދުމާއި، ނޭޝަނަލް ހެލްތު ޑޭޓާ ސެންޓަރަށް ބޭނުންވާ ސާވަރުތައް ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި މި ރިޕޯޓުގައި ލަފާދެއްވާފައިވަނީ، މަޝްރޫޢުއުގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނުނިމިއްޖެނަމަ ހަރަދު އިތުރުވެ، އޭގެ ލާބަ ރައްޔިތުންނަށް ލިބުން ލަސްވެދާނެތީ، ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން (ޕީއެމްޔޫ) މަސައްކަތްތައް ހިނގާ ނުހިނގާގޮތް މިހާރަށްވުރެ ގާތުން ބަލައި މޮނިޓާ ކުރުމަށެވެ.

މި މަޝްރޫއު ނިންމުމަށް ކުރިން ހަމަޖެހިފައި އޮތީ 2025 ގެ ނިޔަލަށެވެ. ނަމަވެސް މިހާރު މަޝްރޫއުގެ މުއްދަތު ވަނީ ޑިސެމްބަރު 31، 2027 އަށް އިތުރުކޮށްފައެވެ.