ދިވެހި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 18.7 މިލިއަން ޑޮލަރު (288 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ރާއްޖެއަށް ދީފިއެވެ.

މި އެހީ ފޯރުކޮށްދީފައި ވަނީ އެ ބޭންކުން ރާއްޖެއަށް އަމާޒުކޮށް މިހާރު ކުރިއަށްގެންދާ "ސްޓްރެންތްނިން ފިސްކަލް މެނޭޖްމަންޓް އެންޑް ސަސްޓެއިނެބަލިޓީ ޕްރޮގްރާމް"ގެ ތެރެއިންނެވެ. މި ޕްރޮގްރާމް 2024ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭޑީބީން ދިން މި އެހީ އަމާޒުކޮށްފައި ވަނީ ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށާއި ހިންގުން ހަރުދަނާ ކުރަން ސަރުކާރުން މެދު ރާސްތާގައި ކުރާ މަސައްކަތް ތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

މީގެ އިތުރުންވެސް އޭޑީބީގެ "ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް ޑެޓް މެނޭޖްމަންޓް" އިން އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީވެސް ވަނީ ރާއްޖެއަށް ފޯރު ކޮށްދީފައެވެ.

އޭޑީބީއިން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް އެހީތެރިވުމަށް ނިންމާފައިވަނީ މެދު ރާސްތާގެ އާމްދަނީ ޕްލޭނެއް ފާސްކުރުމާއި ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ތައާރަފްކުރުމާއި އިންކަމް ޓެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުމާއި ދައުލަތުގެ ދަރަނި މެނޭޖު ކުރުމާ ބެހޭ އާ ގާނޫނެއް މަޖިލީހަށް ހުށަހެޅުމެވެ. އަދި ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމާއި ސަސްޓެއިނަބަލް ފައިނޭންސިން ފްރޭމްވޯކެއް ތަންފީޒުކުރަން ފެށުމާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ގާނޫނެއް މަޖިލީހަށް ހުށަހެޅުމެވެ.

އަދި ހަމައެހެންމެ އޭޑީބީގެ ޕްރޮގްރާމްގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރު ކުރުމަށް ކްލައިމެޓް އެމަޖެންސީ ގާނޫނާއި ހަކަތައިގެ ގާނޫނު ތަންފީޒުކުރުމާއި ފެނާއި، ކަރަންޓު އަދި ސިއްހީ ފަރުވާގެ ސަބްސިޑީ، ހައްގުވެރިންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ ކުރިންވެސް އޭޑީބީން ވަނީ ބައެއް ޓެކްސްތަކާއި ގާނޫނުތައް ހަރުދަނާ ކުރަން ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ޖީއެސްޓީ، އެއާޕޯޓް ޓެކްސް އާއި ފީ ނެގުން އަދި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނާއި ގްރީން ޓެކްސްއާ ގުޅޭ ގަވާއިދު އެ މަސައްކަތްތަކަކީ އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ މަސައްކަތްތަކެވެ.

އޭޑީބީއަކީ ފަގީރުކަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. 1966 ވަނަ އަހަރު އުފެދުނު މި ކުންފުނީގައި 49 ރީޖަން އިން 68 މެންބަރުން އެބަ ތިއްބެވެ.