އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަން ކުރާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫ / އާލް، އަހްމަދު ހާރިޝް (32އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އިތުރު މައްސަލައެއް ގަން ޕޮލިސް ސްޓޭޝަނުން މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ހާރިޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަރާތެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އާންމުންގެ މުދަލަށް ރައްކާތެރިވުމަށާއި މިފަދަ ކަންކަން ފާހަގަވުމުން ލަސްނުކޮށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.