ހިމަބިއްސަށް ޕޮޒިޓިވްވި ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ނިޔާވެފައިވަނީ އިބްރާހީމް ދިޔާޝް ރަޝީދު، ޑްރީމީލައިޓް، ގދ. ފިޔޯރީ (24އ)އެވެ.

މިކަމާ ގުޅިގެން ފިޔޯރީއިން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ އޭނާ ހިމަ ބިއްސަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހު ކަމަށާއި، ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މި ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލޭ ސަރަހައްދުން ފެނި، މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރާފައިވާ ކަމަށެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތުން އިނގޭ ގޮތުގައި މިހާތަނަށް 5،495 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައިވާއިރު ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަސް ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ "މީސްލްސް"ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.