މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި އަލަށް ތަރައްގީކުރި ބަނދަރުގައި މުދާ ބޭލުމާއި ބަރުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ބުނެފިއެވެ.
މި މަސައްކަތުގެ ދަށުން، އިއްޔެ ވަނީ "އެމްވީ ސެލެސްޓިއާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކުން ކޮންޓއިނާ ބަރުކުރުމުގެ މަސައްކަތް ތިލަފުށީ ބަނދަރުގައި ކޮށްފައެވެ. މި ބޯޓަށް ޖުމްލަ 372 ޓީއީޔޫގެ ކޮންޓެއިނާ ބަރުކޮށްފައި ވަނީ 24 ގަޑިއިރު ތެރޭ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ މޭ މަހު ތިލަފުށީ ބަނދަރުގައި ފެށި ޓްރަޔަލް އޮޕަރޭޝަންތަކަށް ފަހު، "އެމްވީ ސެލެސްޓިއާ" އަކީ އެ ބަނދަރަށް ކައިރި ކުރި ހަތަރުވަނަ ބޯޓެވެ. ތިލަފުށީގައި މި ހިދުމަތް ދޭން ފެށުމުގެ މައިގަނޑު މަގްސަދަކީ މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، މުދާ ކްލިއާ ކުރުމުގެ މަރުހަލާ މިހާރަށްވުރެ އަވަސް އަދި ފަސޭހަ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ.
