ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު، ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނުކޮށްފިއެވެ.

ފެނަކައިގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުއާޒް އެ މަގާމުން އިސްތިއުފާދެއްވީ ޑިސެންބަރު 23، 2024ގައެވެ.

މަގާމުން އިސްތިއުފާދެއްވި ކަން ހާމަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި މުއާޒް ވިދާޅުވީ، ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކުން އެއްބާރުލުން ނުލިބޭ ކަމަށެވެ.

އެގޮތުން ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ހިދުމަތްތައް ރަނގަޅަށް ނުބެލެހެއްޓި އޮތުމުން ފާއިތުވެދިޔަ އަހަރުތަކުގެ ބެކްލޮގް ފިލުވައިނުލެވުންކަމަސާއި، ކުންފުންޏާ އޭނާ ހަވާލުވިއިރު 4.3 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށް ވެސް މުއާޒްގެ ސިޓީގައ ބަޔާންކޮށްފައިވެއެވެ.

އިސްތިއުފާދެއްވި ސަބަބެއް ކަމަށް އޭނާ ލިޔުއްވައިފައި ވަނީ، ފެނަކައިގެ ޚަރަދު ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޝަން ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީއާއި، އޭނާ ހުރެގެން އިތުރަށް އެ ކަން ރަނގަޅު ކުރެވޭނެ މަގެއް ނެތުމުންނެވެ.

މުއާޒް އެމްޑަބްލިއުއެސްސީގެ ބޯޑަށް އައްޔަންކުރަން އެމްޑަބްލިއުއެސްސީ އިން ވަނީ ފާސްކޮށްފައެވެ.