އައްޑޫ ސިޓީއަށް މިހާރު ދިމާވަމުންދާ ކަރަންޓުގެ މައްސަލަތަކުގެ ސަބަބުތަކަކީ ނާޖާއިޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އެޗްވީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ހޯމަ ދުވަހުގެރޭ ވަނީ ކަރަންޓް ކެނޑިފަ އެވެ. އަދި އިއްޔެ ވެސް ހިތަދޫގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކަނޑާފަ އެވެ. އަދި ކަރަންޓުގެ މައްސަލައަކީ މީގެ ކުރިންވެސް އައްޑޫއަށް ދިމާވަމުންދާ ބޮޑު މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ ކަރަންޓު މައްސަލަތަކުގެ ސަބަބުތަކަކީ ނާޖާއިޒްކޮށް އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެގެން ހިންގާފައިވާ ޖަރީމާތަކުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށެވެ.

"އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓު މައްސަލަތަކުގެ ސަބަބުތައް. މާކެޓް ރޭޓުގައި 44 މިލިއަން ރުފިޔާ އަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ހަރަދު ކުރިއިރުވެސް ނުނިމުން. ނާޖާއިޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވުން."
މުއާޒް

މުއާޒްގެ ޕޯސްޓުގައި ވަނީ އިމާރާތް ކުރުމަށް ކޮށްފައިވާ ހަރަދު ތަކުގެ ތަފްސީލު ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން 99 މުވައްޒަފުންނަށް 22,143,540.38 ވަނީ ހަރަދުކޮށްފައެވެ. ޕެޓީ ކޭޝްގެ ގޮތުގައި 1,951,705.58 ރުފިޔާ ހަރަދުކޮށްފައިވާއިރު މެޓީރިއަލް ކޯސްޓުގެ ގޮތުގައި 19,233,704.77 ރުފިޔާ ހަރަދުކޮށްފައިވެއެވެ. ޖުމްލަ ހަރަދު ނުވަތަ ޓޯޓަލް އެކްސްޕެންޑިޗާގެ ގޮތުގައި 76,297,699.11 ރުފިޔާ ހަރަދުކޮށްފައިވާއިރު މާކެޓުގައި އެފަދަ އިމާރާތެއް 44,845,111.35 ރުފިޔާއަށް އަޅާދޭ ކަމަށް މުއާޒް ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެ ސިޓީގެ ރައްޔިތުންގެ އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހުށަހެޅި މި މައްސަލައިގައި އޭނާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަރަންޓު ކެނޑުމުގެ ނޯޓިސްއެއް ދިނުމަކާ ނުލައި އެތައް ފަހަރަކު ކަރަންޓު ކަނޑާލުމުގެ ސަބަބުން ރައްޔިތުންގެ މުދަލަށްވެސް ގެއްލުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިން ބުނަމުން ދަނީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި މައްސަލަތައް ކުރިމަތިވަނީ ކުރީ ސަރުކާރުން އައްޑޫ ސިޓީގެ އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދިޔުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ވެސް ކުރީ ސަރުކާރުން މަގުތައް ކޮންނަން ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނީގެ އިހުމާލުން ކޭބަލްތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ކަރަންޓަށް ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމެންޓާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީން މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ.