"ރައްޔިތުންގެ އަސާސީ ހިދުމަތްތަކާ ގުޅިފައިވާ އެންމެ ބޮޑު އެންމެ ގިނަ ހިދުމަތްތައް ދޭ ތަނަކީ ފެނަކަ، އެކަމަކު އެންމެ ބޮޑަށް ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވެ ދިވެހި ރައްޔިތުންގެ ފައިސާއަށް އެންމެ ބޮޑަށް ހިޔާނާތްތެރިވެފަ އޮތް ތަނަކީ ފެނަކަ،" ފެނަކަ އާ ގުޅޭ ވާހަކަ ތަފްސީލު ކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މިހެންނެވެ.
ވެރިކަންކުރާ ޕީއެންސީން ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ބާއްވާ ޖަގަހަ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، މި ސަރުކާރުން ހަވާލުވެ ބެލިބެލުމުން، އާންމުންގެ ފައިސާ އަށް ފެނަކައިން އޭރު ހިޔާނާތްތެރިވެފައިވާ މިންވަރު ފާހަގަކުރެވުނު ކަމަށާއި، އެގޮތުން އިންތިގާލީ މަރުހަލާގައި ހާމަކުރި އަދަދުކަމަށްވާ 4.3 ބިލިއަން ރުފިޔާ އަށް ވުރެ ކުންފުނި ދަރާފައި އޮތް އަދަދު މާ ބޮޑު ކަމަށެވެ.
އާންމުންނަށް ފެނަކައިން ދޭން ޖެހޭ އެތައް ފައިސާއެއް ނުލިބުމުގެ ސަބަބުން ޝަކުވާ ހިފައިގެން ބައެއް މީހުން އައިސްފައިވާ ކަމަށާއި، އެކަމަކު އެ މީހުންނަށް ފައިސާ ދޭން ބަލާއިރު، އެ މީހުން ކުރި މަސައްކަތުގެ އެއްވެސް ލިޔެކިއުމެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ފެނަކައާ ހަވާލުކުރި އެއް މަޝްރޫއަކީ މުއާޒް ވިދާޅުވި ގޮތުގައި، ރަށްރަށުގައި 48 އޭޓީއެމް އިމާރާތްކުރުމުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ ދެބައިކުޅަ އެއްބައި ނުނިމެނީސް މުވައްޒަފުން ނަގާފައިވާ ކަމަށާއި ކޮންމެ އޭޓީއެމެއް އިމާރާތްކުރުމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ ކިހާ ބޮޑު ގެއްލުމެއްތޯ މިއީ، އަދި މިއީ މުވައްޒަފުންގެ މުސާރައާއި ހުރިހާ އެއްޗެއް ހިމަނައިފިކަމަށް ވެއްޖިއްޔާމު މި އަދަދު މިއަށް ވުރެ ވެސް އިތުރުވެގެން ދާނެ،"
މުއާޒް ވިދާޅުވީ، ފެނަކައިގެ އޭރުގެ އިސްވެރިން ހަރަދުކުރި ގޮތް ފެންނަން އެބަހުރި ކަމަށާއި، އެ ބޭފުޅުން ހިޔާނާތްތެރިވެވަޑައިގެންނެވި ގޮތާއި ފައިސާ ދައުރުވި ގޮތް ސާފު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
- ރަށްރަށުގައި ނުވަ އައިސްޕްލާންޓެއް އިމާރާތްކުރަން އޭރުގެ ސަރުކާރުން 4.5 މިލިއަން ރުފިޔާއަށް ހަވާލުކުރި
- އެއަށް ވުރެ މާ މަތިން ހަރަދުވި، އަދި އެ ތަންތަނަށް މުވައްޒަފުން ނަގާފައިވޭ
- ނުފަށާ ހުރި ބައެއް މަޝްރޫއުތަކަށް 10-25 މުވައްޒަފުން ނަގާފައިވޭބައެއް މަޝްރޫއުތައް ނުނިމެނީސް ވެސް މުވައްޒަފުން ނަގާފައި އެބަތިބި
އެހެންވެ، ފެނަކައަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދަން މި ސަރުކާރުން ނިންމާފައިވާ ކަމަށާއި، ބައެއް އެއްބަސްވުންތައް ބާތިލްކޮށްފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެއްވެސް އިދާރާއަކުން ހަވާލުނުކުރާ ބައެއް މަޝްރޫއުތަކާ ވެސް ފެނަކައިން އޭރު ހަވާލުވެފައިވެއެވެ.
"އަޅުގަނޑުމެން އޭރުގަ ފެނަކައިން އަމިއްލައަށް އޭރުގެ މެނޭޖްމަންޓުން މި ނިންމަނީ ތިމަންނާ މެން އަޅާނީ އައިސް ޕްލާންޓޭ، އެހާވެސް މުއްސަނދި ކުންފުންޏެކޭ، އެކަމަކު އަޅުގަނޑުމެން މިއުޅެނީ ބަރާބަރަށް ކަރަންޓު ފޯރުކޮށްނުދެވިގެންނޭ، ބަރާބަރަށް ފެން ފޯރުކޮށްނުދެވިގެން، ބަރާބަރަށް އިންޖީނުގެއަށް ބޭނުންވާ ސްޕެއާތައް ފޯރުކޮށްނުދެވިގެން، ފިލްޓަރުތައް ފޯރުކޮށްނުދެވިގެން،"
މީގެ އިތުރުން، ބައެއް ރަށްރަށުގައި ތިބި ފެނަކައިގެ ވަގުތީ މުވައްޒަފުންގެ މުސާރައިގެ އިތުރުން، އެ މީހުންގެ ކެއުން ބުއިމަށް ކުރާ ހަރަދާއެކު މަހަކު މިލިއަނެއްހާ ރުފިޔާ، ފެނަކައިގެ ކުރީގެ މެނޭޖްމެންޓުން ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ވިޔަފާރިތަކަށާއި އާންމުންނަށް ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން ދެއްކުނީ 300 މިލިއަން
މުއާޒް ވިދާޅުވީ، އާންމުންނަށާއި ވިޔަފާރިތަކަށް ފެނަކައިން ދަރާފައި އޮތް 1.7 ބިލިއަން ރުފިޔާގެ ތެރެއިން 300 މިލިއަން ރުފިޔާ މިދިޔަ ހަތް މަހުގެ ތެރޭގައި ދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިން 278 ވެންޑަރުންނަށް އެއްކޮށް ފައިސާ ދައްކައި ނިންމާފައިވަނީ މިހާރު ކުރަމުންދާ މަސައްކަތްތަކަށް ވެސް ފައިސާ ދެމުން ކަމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ފައިސާ ދެއްކީ، މުއާޒް ވިދާޅުވި ގޮތުގައި، ނާލު ބޯޓުތަކަށާއި އާންމުން ލައްވާ ކުރުވި ކުދި މަސައްކަތްތަކަށެވެ.
ފެނަކައިގެ ދަތުރުތަކަށް އަގުބޮޑުކޮށް ދޯންޏެއް ގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން މުއާޒް ވިދާޅުވީ، ކުރިން ނަމަ ކޮންމެ ދަތުރަކަށް މިލިއަނަކާ ގާތްކުރާ އަދަދަކަށް ފެނަކައިން ހަރަދުކުރާ ކަމަށާއި، އެކަމަކު އެއް އަހަރު ދުވަހަށް ދޯންޏެއް ކުއްޔަށް ނެގުމުން 70 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށެވެ.
މީގެ އިތުރުން، ފެނަކައިގެ ކުރީގެ މެނޭޖްމެންޓުގެ ބައެއް މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ރޭ އޭނާ ވިދާޅުވިއެވެ.