ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވަނީ ރައީސްއަށް ފޮނުވި ސިޓީ އާންމު ކުރައްވާފައެެވެ.

ރައީސްއަށް ފޮނުއްވި ސިޓީގައި މުއާޒް ވިދާޅުވީ، ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން ލިބޭ އާމްދަނީއަކުން އެ ކުންފުންޏެއް ހިންގުން ބައްޓަން ކުރަންޖެހޭ ތަންތަނަށް ވީ ނަމަވެސް ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުތަކުގެ ގޮތުގައި މުއާޒް ފާހަގަކުރެއްވީ:

  • ފެނަކައިން ފޯރުކޮށްދެމުން ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުން
  • ކުންފުންޏާއި ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފޮޔާ އޮތުން
  • ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުން
  • ކުންފުނި ރައިޓް ސައިޒް ކުރުމަށް އެކަށީގެންވާ އެއްވާރުލުމެއް ކަމާ ގުޅުންހުރި އިދާރާތަކުން ނުލިބުން
  • ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަން ޖެހިފައިވާ ހަރަދު އިންތިހާއަށް އިތުރުވުން

މި ގޮންޖެހުންތަކާ އެކު ވެސް ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މުއާޒްގެ ސިޓީގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާ އިރު މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުން ސަލާމަތް ކުރެވިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ކުންފުނީގެ އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަަމަށް މުއާޒް ވިދާޅުވިއެވެ. އަދި އެ ހާލަތުން އަރައިގަތުމަށް ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކަށް ހިއްސާކޮށްފައިވީ ނަމަވެސް މިކަމަށް އަލިމަގެއް މިއަދާ ހަމައަށް ވެސް ފެނިފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.

މުއާޒް ވިދާޅުވީ ފާއިތުވި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރު ވެސް ޖަމާކޮށްފައިވާ ނުވާ ކަމަށާއި މިއީ ފަހުގެ ތާރީހެއްގައި އެ ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ފެނަކައިން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށް ވެސް ރައްޔިތުން މަހުރުމްވާން ޖެހުމަކީ ރައީސް ޑރ. މުހައްމދު މުއިއްޒާއި އަދި ކުންފުންޏަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްކަން މުއާޒް ފާހަގަ ކުރެއްވިއެވެ.

ފެނަކަ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވަނީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަންގެ ހާލަތު ވެއްޓިފައިވުމުގެ ސަބަބުން އަދި ފެނަކައިގެ އެމްޑީގެ މަގާމުގައި ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން ކަމަށް މުއާޒް ވަނީ ފާހަގަ ކުރައްވާފައެވެ.