ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3610 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މީގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އެގޮތުން މިދިޔަ މަހުގެ 9 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.4 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލް ވަނީ އަތުލައިގަނެފައެވެ. މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 941 ގްރާމްގެ މެތަމްފެޓަމިން އަތުލައިގަނެފައިވާއިރު، އޭގެ އަގު 1.8 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މެއި މަހުގެ 5 ވަނަ ދުވަހު 7.9 ކިލޯގެ ކެނަބިސް ފަތް (މަގުމަތީ އަގު 6 މިލިއަން ރުފިޔާ) އަދި އޭޕްރީލް 22 ގައި 1150 ގްރާމްގެ އެމްފެޓަމިން (މަގުމަތީ އަގު 3.3 މިލިއަން ރުފިޔާ) ވެސް ވަނީ އަތުލައިގަނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރަމުންނެވެ.
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅެނިކޮށް އެންމެ ފަހުން އަތުލައިގަނެވުނު މި ތަކެތި މިހާރު ވަނީ އިތުރު ތަހުގީގަށް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ.
