ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމުގެ މަގާމަށް ގއ. ދާންދޫ، ޒައިނާ އަބްދުﷲ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މަގާމަށް ޒައިނާ އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. ގާނޫނު ބުނާގޮތުން ޕީސީބީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރަން ބޭނުންވަނީ 29 މެންބަރުންގެ ވޯޓެވެ.

ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޒައިނާ އަކީ ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވާނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަގާމު ކުރިން އަދާކުރައްވާފައިވާއިރު، މި ގާމަށް އައްޔަންކުރެވުނުއިރު އޭނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގްގެ މަގާމުގައެވެ.

ޒައިނާ ވަނީ އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭއިން ބެޗްލާސް އޮފް ކޮމާސް ހާސިލުކުރައްވާފައެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓާސް އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސްވެސް ފުރިހަމަކުރައްވާފައެވެ.