ފުޑް ކޯޓް ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ޓާސްކް ފޯސްއިން ރޭގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އަދި އެ އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އިމިގްރޭޝަނުން ދަނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދުން މޮނިޓާކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.
މިފަދަ އޮޕަރޭޝަންތަކުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި އޮޕަރޭޝަންގައި މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން ދެއެވެ.
