އިޒްރޭލަށް ތާއީދުކުރާ އަދި އެހީތެރިވާ ހަމައެކަނި ބާރުގަދަ ގައުމަކީ އެމެރިކާ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވި ވިދާޅުވުމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރައްދުދީފިއެވެ. ނަތަންޔާހޫ ބުނީ އެމެރިކާގެ އިތުރުން އިންޑިއާ ފަދަ އެހެން ގައުމުތަކަކީ ވެސް އިޒްރޭލުގެ ގާތް އެކުވެރިން ކަމަށެވެ.
އެމެރިކާގެ ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ، ވޭންސްއަށް އިހުތިރާމުކުރާ ކަމަށާއި ދެ މީހުންގެ މެދުގައި އޮންނަނީ ގާތް ގުޅުމެއް ކަމަށެވެ. ނަމަވެސް ވޭންސް ދައްކަވާ ހުރިހާ ވާހަކައަކާ އެއްބަސް ނުވެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވައިޓް ހައުސްގައި އިޒްރޭލަށް ލިބުނު އެންމެ ރަނގަޅު އެކުވެރިޔާ ކަމަށް ނަތަންޔާހޫ ފާހަގަކުރިއެވެ.
ވޭންސްގެ ވާހަކަތަކަށް ރައްދުދެމުން ނަތަންޔާހޫ ވަނީ އިންޑިއާގެ ނަން ހާއްސަ ގޮތެއްގައި ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އިޒްރޭލަށް ވަރަށް ބޮޑު ތާއީދެއް ލިބެއެވެ. ފޭސްބުކް ފަދަ މަންސަތަކުން ވެސް އިންޑިއާ ރައްޔިތުންގެ ފަރާތުން އާދަޔާހިލާފު ބޮޑު ތާއީދެއް ފެންނަމުންދާ ކަމަށް ނަތަންޔާހޫ ބުންޏެވެ. މީގެ އިތުރުން، އެތެރޭގެ ސިޔާސީ ފިއްތުންތަކާ ހުރެ ފާޅުގައި ނުބުނި ނަމަވެސް، ސިއްރިޔާތުގައި ގިނަ ގައުމުތަކެއްގެ ސަރުކާރުތަކުން އިޒްރޭލަށް ތާއީދުކުރާ ކަމަށް އޭނާ ބުންޏެވެ.
ނަތަންޔާހޫ މިހެން ބުނެފައިވަނީ، މިދިޔަ ޖޫން މަހު ވޭންސް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އިޒްރޭލުގެ ބައެއް ވަޒީރުން އެމެރިކާއަށް ފާޑުކިޔަމުންދާތީ އެކަމަށް ރައްދުދެއްވައި ވޭންސް ވިދާޅުވެފައި ވަނީ، މުޅި ދުނިޔޭގައި ވެސް އިޒްރޭލަށް ހަމްދަރުދީވާ ހަމައެކަނި ލީޑަރަކީ ޓްރަމްޕް ކަމަށެވެ. އަދި އިޒްރޭލުގެ ކެބިނެޓުގައި އޭނާ އިންނެވި ނަމަ، ދުނިޔޭގައި އޮތް ހަމައެކަނި ބާރުގަދަ އެކުވެރިޔާއަށް ފާޑުނުކިޔާނެ ކަމަށް ވިދާޅުވެ، އިޒްރޭލުގެ ވަޒީރުންނަށް ވޭންސް ފާޑުވިދާޅުވިއެވެ.
މި ހިޔާލުތަފާތުވުންތައް ފެންމަތިވެފައި މިވަނީ، ނަތަންޔާހޫ އެމެރިކާގެ ވޮޝިންޓަނަށް ގޮސް ޓްރަމްޕާ ބައްދަލުކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މި ބައްދަލުވުން ބޭއްވުމަށް ތައްޔާރުވަމުން ދާއިރު، އީރާނުގެ މައްސަލައިގައާއި ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅޭގޮތުން ދެ ލީޑަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
