ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުން ގަބޫލުނުކުަރައްވާކަމަށާއި، އަދި އެ މައްސަލަ ޝަރުއީ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ތައްޔާރުވަމުންދާކަން ރައީސް ނަޝީދު ހާމަކުރައްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ނިންމި މައްސަލަ އެ ޕާޓީގެ ގާނޫނީ ޓީމުން މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝުޖާއު ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައެވެ. ނަމަވެސް، އެ ޕާޓީ އުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން، އޭނާ ވަނީ ފަހުން އެމްޑީޕީއާ ގުޅިފައެވެ. އެލްޖީއޭ އިން ކަނޑައަޅާފައިވަނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅުނީ އިންތިހާބުވި ޕާޓީ އުވާލުމުން ކަމަށާއި، މަގާމުގެ ހުވާ ކުރުމުގެ ކުރިންވެސް އެ ޕާޓީ އުވާލާފައިވާ ކަމަށް އީސީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ގާނޫނުގައި ބުނާ ފަދަ "ޕާޓީ ބަދަލުކުރުމުގެ" ހާލަތެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ މިއީ ގާނޫނީ ހުސްކަމެއް އޮތް މައްސަލައެއް ކަމަށާއި، ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް ތިނަދޫގެ ގޮނޑި ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށެވެ.
މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެލްޖީއޭ އިން ޝުޖާއު ސަސްޕެންޑް ކޮށްފައި އޮތުމަށްފަހު، މިހާރު ވަނީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ރަސްމީކޮށް ކަނޑައަޅާފައެވެ.
