ސިޔާސީ އެކި ހަރަކާތްތަކާއި އެއްވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތު ކުރީގެ ރައީސުންނަށް ސިފައިން ފޯރުކޮށްދޭ ސަލާމަތީ ހިދުމަތް މީގެ ފަހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މި ނިންމުން ނިންމާފައިވަނީ ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ފާހަގަކުރެއްވީ، މިއީ ގައުމީ ސަލާމަތާ ގުޅުންހުރި ނުރައްކާތެރި ނިންމުމެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މައިދާނުގެ އަމާންކަން ގެއްލި، ނާމާންކަން އިތުރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ދެކުނު އޭޝިއާ އާއި އެފްރިކާ ފަދަ ސަރަހައްދުތަކުގެ ތާރީހަށް ބަލާއިރު، ސިޔާސީ އިސްވެރިންނަށް އަމާޒުކޮށްދޭ ހަމަލާތައް ގިނައިން ހިނގަނީ ސިޔާސީ އެއްވުންތަކުގެ ތެރޭގައެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ހަމައެކަނި ވަކި ސިޔާސީ ބޭފުޅަކަށް ނުރައްކާވުމުގެ އިތުރުން، އެ ތަންތަނަށް އެއްވާ އެތައް އާންމު ރައްޔިތުންނެއްގެ ފުރާނަވެސް ގެއްލިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ހާދިސާތަކުގައި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާކަން އެމަނިކުފާނު ބަޔާންކޮށްދެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކުރީގެ ރައީސުންނަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަން ކުޑަވާގޮތަށް އުސޫލުތައް ބަދަލުކުރުމަކީ އެމްޑީޕީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ސަލާމަތީ ބާރުތަކުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީވެސް މިފަދަ އެއްވުންތަކަށް ކަމަށާއި، ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން، ކުރީގެ ރައީސުންގެ ސެކިއުރިޓީއަކީ މުޅި ގައުމުގެ ހަމަޖެހުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
