ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ފުރިހަމަނުވެ ހުރި 12،500 އަށްވުރެ ގިނަ އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން 14 ދުވަހުގެ މުއްދަތެއް ދީފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ބިޒްނަސް ޕޯޓަލްގައި ބައެއް މަރުހަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ހުށަހެޅުންތައް އެބަހުއްޓެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓްރެޓެޖީ އެންޑް ރަޖިސްޓްރީ ސާވިސް ކޮންސަލްޓަންޓް ބިޒްނަސް ރަޖިސްޓްރޭޝަން ޔޫސުފް ނައީމް ވިދާޅުވީ، މިގޮތަށް ނުނިމި ހުރި 12،500 އެޕްލިކޭޝަނެއް ސިސްޓަމުން ދައްކާ ކަމަށެވެ. މި އެޕްލިކޭޝަންތައް ފުރިހަމަކުރުމަށް ދީފައިވާ މުއްދަތު ހަމަވާނީ 16 ޖުލައިވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށެވެ. އެ މުއްދަތުގެ ކުރިން ބާކީ ހުރި މަރުހަލާތައް ފުރިހަމަނުކޮށްފިނަމަ، އެޕްލިކޭޝަންތައް ޕޯޓަލްއިން އޮޓަމެޓިކުން ކެންސަލްވާނެއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުން އެޕްލިކޭޝަން ކެންސަލްވެއްޖެނަމަ، ދެވަނަ ފަހަރަށް އެ ނަން ބޭނުންވެގެން އަލުން އެޕްލައިކުރާއިރު އެ ނަން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ނަން ރިޒާވްކުރަން ލާފައިވާ ފަރާތްތަކުން މި 14 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ވުޒާރާއިން އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި އެޕްލިކޭޝަނެއްގެ އެއްވެސް މަރުހަލާއެއްގައި އިސްލާހެއް ކުރަން ޖެހިއްޖެނަމަ، އީމެއިލް، މޯބައިލް އަދި ޕޯޓަލް މެދުވެރިކޮށް ނޮޓިފިކޭޝަން ފޮނުވޭނެކަމަށެވެ. އަދި ނޮޓިފިކޭޝަން ލިބޭ ތާރީހުން ފެށިގެން 3 ދުވަސް ތެރޭގައި އިސްލާހު ނުކޮށްފިނަމަ، ސިސްޓަމުން އަމިއްލައަށް އެޕްލިކޭޝަން ކެންސަލް ކުރާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ގެނެވުނު ބަދަލުތަކުގެ ސަބަބުން ސިސްޓަމް ތެރޭގައި މަޑުޖެހިފައި ހުންނަ އެޕްލިކޭޝަންތައް މަދުވެ، ވުޒާރާއިން ދޭ ހުދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.