ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޭންކިން ދާއިރާއަށް އަންނަ ބަދަލުތަކާއެކު، ވިޔަފާރިތަކަށް އިންގިލާބީ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ އެންމެ ބޮޑު ތަސައްވަރަކީ ފައިސާ ދެއްކުމުގެ މުއާމަލާތްތަކަކީ އެއްވެސް ތަކުލީފެއް ނެތި، ނިޒާމުގެ ތެރެއިން އަމިއްލައަށް ހިނގާ ކަމަކަށް ބަދަލުކުރުމެވެ. މި ބަދަލުގެ ސަބަބުން، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެކި ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ބޭންކުތަކުގެ މެދުގައި ވަގުތުންނާއި އޮޓޮމެޓިކުން ބެހިގެންދާނެ ނިޒާމެއް ގާއިމުވެގެންދާނެއެވެ. މިއީ އޭޕީއައި މެދުވެރިކޮށް ގުޅާލެވިފައިވާ، އެއް ނިޒާމުން އަނެއް ނިޒާމަށް މުއާމަލާތްކުރެވޭ ފަސޭހަ ފައިސާ ދެއްކުމުގެ ނިޒާމުގެ ބާރެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޑިޖިޓަލް އައިޑެންޓިޓީއާއި ބަޔޮމެޓްރިކްސް ފަދަ ޒަމާނީ ވަސީލަތްތަކާއެކު މާލީ މުއާމަލާތްތަކަކީ މިހާރަށްވުރެ ރައްކާތެރި އަދި އެންމެނަށް އަތްފޯރާފަދަ ހިދުމަތްތަކަކަށް ވެގެންދާނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވަގުތުން ދެނެގަނެ، މަކަރާއި ހީލަތުގެ މުއާމަލާތްތަކުން ކަސްޓަމަރުން ސަލާމަތްކުރުމަށް ފަސޭހަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ވިޔަފާރީގެ ދުނިޔޭގައި އަލަށް ތައާރަފްވަމުން އަންނަ 'އޭޖެންޓިކް ކޮމާސް' ނުވަތަ އޭއައި އެޖެންޓުން މެދުވެރިކޮށް މުއާމަލާތްތައް ހިންގާ ނިޒާމަށް ދިވެހި ވިޔަފާރިތައް އަހުލުވެރިވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ބޭރު ފައިސާގެ މުއާމަލާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުޔެއްގެ ގޮތުގައި ސީއީއޯ ސިފަކުރެއްވިއެވެ.

މި ހުރިހާ ބަދަލަކަށް ބޭނުންވާ އެންމެ މުހިންމު އަސާސަކީ އިންސާނީ ވަސީލަތް ތަރައްގީކުރުން ކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ. އެގޮތުން ސައިބާ ސެކިއުރިޓީއަށް މީހުން ތަމްރީނުކުރުމާއި، ފިންޓެކް ކުންފުނިތަކާއި ތައުލީމީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.