ގަވާއިދުން ސްކޫލަށް ނުދާ ދަރިވަރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސްކޫލަށް ހާޒިރުވާން ޖެހޭ ނަމަވެސް މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށެވެ.

އެހެންކަމުން އެކަމާ ބެލެނިވެރިންނާއި މުދައްރިސުންވެސް އެންމެންގެ ލެވެލްގައި ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ވޯލްޑްކަޕް ދުވަސްވަރު ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ބެލެނިވެރިން، މުދައްރިސުން، އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ހާއްސަކޮށް ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،"
މިނިސްޓަރު ޝަފީއު

ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންކަން ފާހަގަ ކުރައްވާ ޝަފީއު އިތުރަށް ވިދާޅުވީ، ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ 21އިން ފެށިގެން ކޮންމެ ދުވަހަކު ވެސް، ސުކޫލަށް ހާޒިރުވާ ދަރިވަރުންނާއި، ހާޒިރުނުވާ ދަރިވަރުން ފާހަގަކުރަން ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. މި ދުވަސްވަރު ގިނަ އަދަދަކަށް ދަރިވަރުން ސުކޫލަށް ނުދާކަން ހާމަވިކަން ފާހަގަކުރައްވައި މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނުބައި އަސަރު ކުރާނެ ކަމެއް. އެކަން ތަކުރާރުވާނަމަ ދަރިވަރުން ސްކޫލަށް ހާޒިރުވާ ހިތެއްނުވާނެ. އެފަދަ ހާލަތެއްގައި ބެލެނިވެރިންނަށާއި ޓީޗަރުންނަށް ވެސް ކުރިމަތިލާން އުނދަގޫވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ކުދިން ސްކޫލަށްދާ މިންވަރު ބެލުމަށް މިދިޔަ މަހު ހާއްސަ ޕްލެޓްފޯމެއް ވަނީ ގާއިމްކޮށްފައެވެ. އޭގެ ސަބަބުން ދަރިވަރުން ސުކޫލަށް ހާޒިރުވާ މިންވަރު ވަޒަން ކުރެވޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.