އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ ކަމަށް ތުހުމަތުކުރެވޭ "މައިލޯސިޓީ" ނަމަކަށް ކިޔާ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.

މި އަމުރު ނެރެފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 156-2 ވަނަ މާއްދާގެ ދަށުން، 2026 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް ހިތަދޫ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

ކޯޓުން މި އަމުރު ނެރެފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމުގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުންދާކަން ފާހަގަކުރެވިގެންނެވެ. އަދި އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއަރައި، ރައްޔިތުންނަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، "މައިލޯސިޓީ" ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމާއި، އެ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ބޮޑެތި ޖިނާއީ ކުށްތައް ހިންގަމުންދާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ.

މި އަމުރާއެކު، އެ ގެއަށް ވަދެ ނިކުމެ އުޅުމާއި އެ ތަން ބޭނުންކުރުން ވަނީ ގާނޫނީގޮތުން މަނާކުރެވިފައެވެ.