ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. މީގެ ކުރިން، މުޅި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ވެސް މި ބިލު ފާސްކޮށްފައިވަނީ 69 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ކުރިން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި މީގެ އިތުރުން އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި 30 އިންސައްތަ ނެގުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ވަނީ މައާފުކޮށްފައެވެ
މި ސަރުކާރުން ނޮވެމްބަރު 2024 ގައި ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ކުރިން 110 ރުފިޔާއަށް ލިބުނު ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއަށް އުފުލުނެވެ. މީގެ ސަބަބުން ސިނގިރޭޓުގެ ގާނޫނީ ވިޔަފާރި ދަށްވެ، އަމިއްލައަށް ސިނގިރޭޓު އުފައްދާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި، ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެގެންދިޔައެވެ.
