ނޫމަޑި މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު ކޯޓުން ސަލާމަތްވެވަޑައިގަތީ ފަނޑިޔާރަކަށް 8 ލައްކަ ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރެއްވި ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިއްޔެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ވަހީދު ވަނީ، ނޫމަޑި މައްސަލައިން ރައީސް މުއިއްޒު ސަލާމަތްވެވަޑައިގަތް ގޮތާ ބެހޭގޮތުން އެމަނިކުފާނުގެ ވަކީލަކާ އޭނާ ސުވާލުކުރެއްވި ކަމަށާއި އެ ވަކީލް ވަނީ އަށްލައްކަ ރުފިޔާގެ ރިޝްވަތު ދިންކަމަށް ވިދާޅުވެފައެވެ
އަދި އެއީ ފުރިހަމަ ތެދު ވާހަކަތަކެއް ކަމަށާއި، އެކަމާ ގުޅޭގޮތުން ކީރިތި ގުރުއާނުގައި އަތްލައްވައި ހުވާކުރައްވަން ވެސް އޭނާ ކެރިވަޑައިގަންނަވާނެ ކަމަށް ހުސެއިން ވަހީދު ވިދާޅުވެފައި ވެއެވެ. އަދި އޭނާ ދައްކަވާ ކޮންމެ ވާހަކައަކަށް އަމިއްލައަށް ޒިންމާވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ނޫސްވެރިންނާއެކު ކުރިއަށްގެންދާ ''ޕްރެސާ ވިތު ދަ ސްޕޯކްސް'' މިއަދުގެ ސިލްސިލާގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން މުންދު ވަނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ހުސައިން ވަހީދު ހައްދަވަނީ ދޮގު ކަމަށްވެސް މުންދު ވިދާޅުވިއެވެ.
އެ ވާހައަކީ ކޯޓުގައި ކަނޑައެޅިގެން ދޮގު ވާހަކައެއްކަން ސާބިތުވެފައިވާ ވާހަކައެއް ކަމަށާއި މުއިއްޒުއަކީ ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީންކަން ދެއްވަމުން މުންދު ވަނީ ހުސައިން ވަހީދު ހުވާ ކުރައްވައިފިނަމަ މުއައްސަސާތަކުން އެކަން ބަލާނެ ކަމަށް މުންދު ވިދާޅުވެފައެވެ.
ނޫމަޑި މައްސަލައިގައި ދައުލަތުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ދޭން ޖެހުނީ ރައީސް މުއިއްޒުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވެސް ތުހުމަތު ކުރައްވާފައި ވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި އޮތް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ބާތިލު ކުރުމުން އެ ކުންފުނިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ދިޔަ އެވެ. ޔާމީންގެ ވެރިކަމުގައި ނޫމަޑިން އާބިޓްރޭޝަނަށް ނުވަތަ ކޯޓަށް ގޮސްފައި ނުވާ ކަމަށާއި އެއީ އެމީހުންގެ ކޭސްއެއް ނެތުމުން ކަމަށާއި އެކަން ކުރީ ބަންޑާރަ ނައިބުގެ ލަފަޔާއެކު ކަމަށް ޔާމީން އޭރު ވިދާޅުވެފައި ވެއެވެ.
