ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޗެނަލް13އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ފުލުހުންގެ ފަރާތުން ޗިޓު ފޮނުވީ މިއަދު މެންދުރު ފަހުގެ ގަޑިއެއްގައި ކަމަށާއި، ފުލުހުން އެދިފައިވާ ގޮތަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މުއިއްޒު ފުލުހަށް ހާޒިރުވުމަށް އެދި ފޮނުވާފައިވާ ޗިޓުގައި ވަނީ ހުކުރު ދުވަހުގެރޭ 8:15 އަށް ފުލުހުންގެ އިދާރާއަށް ހަޒިރުވުމަށެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެނެވެ.

ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން ދިޔައިރު، މަޖިލީހަށް ވެސް މުއިއްޒު ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ. އަދި ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅަން މަޖިލީހުން ނިންމިއެވެ.

ނޫމަޑި މައްސަލައިގައި ފުރަތަމަ މުއިއްޒު ފުލުހަށް ހާޒިރު ކުރީ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ.