ފުލުހުންގެ ވެލްފެއާ ކަންކަން ކުރިއެރުވުމަށް އުފައްދާފައި އޮތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކޮށްގެން 'ބުލޫސް ހައުސިން މަޝްރޫއުގެ ނަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށާއި މި ކަމުގެ ތަހުގީގެއް ހިންގައި ކަންކަން ގޮސްފައިވާ ގޮތް ބަލަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ޕޮލްކޯ ފްލެޓްތަކުގެ މަޝްރޫއު ހިންގުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ނޫމަޑިއަށެވެ. އެއަށް ފަހު އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ މަޝްރޫއު ވަނީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ ހަވާލުކޮށްފައެވެ. އޭގެ ފަހުން އަމީން ކޮންސްޓްރަކްޝަނަށް ހަވާލުކުރިއެވެ. އެންމެ ފަހުން ބައެއް މަސައްކަތްތައް ނިންމުމަށް ދެ ކޯމަސް އާއި ހާއީ އަދި އެމްޓީސީސީއަށް ވެސް ހަވާލުކުރިއެވެ.
މިދިޔަ މަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ މި މަޝްރޫއުގައި ހިޔާނާތަށް ތުހުމަތުވާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން ނޫމަޑިއަށް 580 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކުރީ ބީލަމަކާ ނުލައެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރަން ޓެންޑާ އިވޭލިއުއޭޝަން ބޯޑަށް ވެސް ހުށަހަޅާފައެއް ނުވެއެވެ. އޭގެ އިތުރުުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވެސް ވެސް ވަޒަންކޮށްފައިނުވާކަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން އެ ކުންފުނި އަތުން މަސައްކަތް އަތުލައި އެހެން ފަރާތްތަކާ މަޝްރޫއު ހަވާލު ކުރަން ޖެހުމުގެ ސަބަބުން މަޝްރޫއުގެ ހަރަދު އިތުރުވެގެން ދިޔަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ، ޖުމްލަ 580 މިލިއަން ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ މި މަޝްރޫއަށް ދެ ގުނަ ހަރަދުވެފައިވާ ކަމަށް ކަމަށެވެ.
އެ ގޮތުން މި މަޝްރޫއު ފެށި އިރު ނޫމަޑިއަށް 580 މިލިއަން ރުފިޔާ ދީފައިވާ އިރު މިއީ އެ މަޝްރޫއު ފެށީ ތާރީހަށް ބަލާއިރު، އެކަށީގެންވާ އަގެއް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. ނަމަވެސް ނޫމަޑިއަށް މި މަސައްކަތް ފުރިހަމައަށް ނުކުރެވުމުން އެއްބަސް ބާތިލްކޮށް އަނެއްކާވެސް ބިޑް ކުރުމަކާ ނުލައި އެހެން ކުންފުންޏަކަށް ހަވާލުކޮށް ވަރަށް ގިނަ ފައިސާތަކެއް ދީފައިވާ ކަން ނިޔާޒީ ފާހަގަ ކުރެއްވިއެވެ. އޮޑިޓް ކުރި ތާރީހާ ހަމައަށް މި މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
މިއާ އެކު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ޕޮލްކޯ ފްލެޓުތަކުގެ މަޝްރޫއު ނުނިންމިގެން ކޮންޓްރެކްޓަރު ބަދަލުކުރި ކުރުމާ ގުޅުވާ ނޫމަޑީން އައިލެންޑް އެކްސްޕާޓަށް ހަވާލު ކުރީ އެއީ އެއް ބަޔަކު ހިންގަމުންދިޔަ ދެ ކުންފުންޏެއް ކަން ނޭނގިގެންތޯ އައްސަވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުންއެ ނިޔާޒީ ވިދާޅުވީ، މަޝްރޫއުގެ ބިޑިން ޕްރޮސެސް ކުރިއަށްދިޔަ ގޮތް ބެލުމަށް އޮޑިޓުގެ ސްކޯޕުގައި ވެސް ހިމެނި ކަމަށެވެ. ނަމަވެސް 2013 ގައި ފެށި މި މަޝްރޫއާ ގުޅިގެން ޕޮލްކޯ މެނޭޖްމަންޓުން ބުނެފައި ވަނީ ސާވާ ހަލާކުވުމުގެ ސަބަބުން ވަރަށް ގިނަ ލިޔެކިޔުންތައް މިހާރު ނެތް ކަމަށެވެ.
އެހެންކަމުން މި މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭތް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ފެންނަން ނެތް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި ގެޒެޓްގައި ވެސް މި މަޝްރޫއަށް އިއުލާންކޮށްފައި ނުވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން މިކަންކަން ބަލަން ޖެހޭ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
އޮޑީޓް ނިމުނުފަހުން ޕޮލިހުން ލިޔުންތަކެއް ހުށަހެޅި ނަމަވެސް އޮޑިޓް ކުރަމުން ދިޔަ އިރު، ބިޑް ކުރި ގޮތާއި އިވެލުއޭޝަން މަރުހަލާގެ އެއްވެސް ލިޔެކިޔުމެއް ލިބިފައި ނުވާ ކަމަށް ނިޔާޒީ ތަކުރާރުކޮށް ވިދާޅުވިއެވެ. އޮޑީތް ކުރި އިރު ލިބިފައި ވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.