ފުލުހުންގެ ވެލްފެއާ ކަންކަން ކުރިއެރުވުމަށް އުފައްދާފައި އޮތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ބަލައި ފާސްކުރުމަށް އަނެއްކާ ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމެއް އެތަނަށް ވަދެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، ޕޮލްކޯއަށް އޭސީސީގެ ޓިމް ވަދެފައި ވަނީ ކޯޓު އަމުރަކާ އެކީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. ޕޮލްކޯއަށް އޭސީސީން ވަދެފައި މި ވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅޭ ހެއްކި ހޯދުމަށް ކަމަށް އޭސީސީން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަދިވެސް އޭސީސީގެ ޓިމް ޕޮލްކޯ ތެރޭގައި ހަރަކާތްތެރިވަމުން ދެއެވެ.

މިއަދު އޭސީސީން ޕޮލްކޯއަށް ވަދެފައި ވާ އިރު މި މަހުގެ 3 ވަނަ ދުވަހު ވެސް އޭސީސީން ވަނީ ޕޮލްކޯއަށް ވަދެފައެވެ.

އޭސީސީން ބަލަމުން ދަނީ ޕޮލްކޯ އިން ހަވާލުކޮށްގެން 'ބުލޫސް ހައުސިން' މަޝްރޫއުގެ ނަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެވެ، މި މަޝްރޫއުގައި ހިޔާނާތުގެ މައްސަލަތަކެއް ފާހަގަ ކުރެވި އެ މައްސަލަ އަންނަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ވެސް ކުރަމުންނެވެ.

އެ މަޝްރޫއު ހިންގުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ނޫމަޑިއަށެވެ. އެއަށް ފަހު އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ މަޝްރޫއު ވަނީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ ހަވާލު ކޮށްފައެވެ. އޭގެ ފަހުން އަމީން ކޮންސްޓްރަކްޝަނަށް ހަވާލުކުރިއެވެ. އެންމެ ފަހުން ބައެއް މަސައްކަތްތައް ނިންމުމަށް އެހެން ކުންފުނިތަކަކާވެސް ހަވާލުކުރިއެވެ.

މިދިޔަ މަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ މި މަޝްރޫއުގައި ހިޔާނާތަށް ތުހުމަތުވާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން ނޫމަޑިއަށް 580 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކުރީ ބީލަމަކާ ނުލައިކަން އެނގެްެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރަން ޓެންޑާ އިވޭލިއުއޭޝަން ބޯޑަށް ވެސް ހުށަހަޅާފައެއް ނުވެއެވެ. އޭގެ އިތުރުުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވެސް ވެސް ވަޒަންކޮށްފައި ނުވާކަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން އެ ކުންފުނި އަތުން މަސައްކަތް އަތުލައި އެހެން ފަރާތްތަކާ މަޝްރޫއު ހަވާލު ކުރަން ޖެހުމުގެ ސަބަބުން މަޝްރޫއުގެ ހަރަދު އިތުރުވެގެން ދިޔަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މަ މަޝްރޫއާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެފައި ވަނީ، މަޝްރޫއުގެ ބިޑިން ޕްރޮސެސް ކުރިއަށް ދިޔަ ގޮތް ބެލުމަށް އޮޑިޓުގެ ސްކޯޕުގައި ވެސް ހިމެނި ކަމަށެވެ. ނަމަވެސް 2013 ގައި ފެށި މި މަޝްރޫއާ ގުޅިގެން ޕޮލްކޯ މެނޭޖްމަންޓުން ބުނެފައި ވަނީ ސާވާ ހަލާކުވުމުގެ ސަބަބުން ވަރަށް ގިނަ ލިޔެކިޔުންތައް މިހާރު ނެތް ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ފެންނަން ނެތް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި ގެޒެޓްގައި ވެސް މި މަޝްރޫއަށް އިއުލާން ކޮށްފައި ނުވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން މިކަންކަން ބަލަން ޖެހޭ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

މި މަޝްރޫއު ފެށި އިރު ނޫމަޑިއަށް 580 މިލިއަން ރުފިޔާ ދީފައިވާ އިރު މިއީ އެ މަޝްރޫއު ފެށި ތާރީހަށް ބަލާއިރު، އެކަށީގެންވާ އަގެކެވެ. ނަމަވެސް ނޫމަޑިއަށް މި މަސައްކަތް ފުރިހަމައަށް ނުކުރެވުމުން އެއްބަސް ބާތިލްކޮށް އަނެއްކާވެސް ބިޑް ކުރުމަކާ ނުލައި އެހެން ކުންފުންޏަކަށް ހަވާލުކޮށް އޮޑިޓް ކުރި ތާރީހާ ހަމައަށް މި މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

މި މަޝްރޫއު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީން އުފެއްދި ސަބް ކޮމިޓީން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަިއ ވަނީ ޕޮލްކޯގެ އިތުރު ކޮރަޕްޝަން މައްސަލަތަކެއް ހުރި ކަން ހާމަވެފައެވެ. އެ ސަބް ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މިހާރު ފުލުހެއްގެ މަގާމުގައި ހުންނެވި "ވިސިލްބްލޯވަރެއްގެ" ފަރާތުން މަޖިލީހުގެ މެއިލްއަށް ޕޮލްކޯ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އިތުރު މައްސަލަަތަކެއްގެ މައުލޫމާތުތަކެއް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.