ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ބޭރު ފައިސާގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިސާ ފީ ދެއްކުމަށް ކާޑު ލިމިޓް އިތުރުކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ބޭރުގައި ތިބޭ ދަރިވަރުންގެ ވިސާ ކަންކަމަށް ބޭނުންވާ ޑޮލަރު ހަމަޖައްސައިދިނުމުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. މީގެ ކުރިން ބޭންކުން މިފަދަ ހުއްދަތައް ދެމުން އައީ ވަކިވަކި ހާލަތްތަކަށް ބަލައިގެން ކަމަށްވީ ނަމަވެސް، މިއަދުން ފެށިގެން އެދޭ ހުރިހާ ދަރިވަރުންނަށް ވެސް ވިސާ ފީ ދެއްކުމުގެ ފުރުސަތު ކާޑު ލިމިޓްގެ ތެރެއިން ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމަށް ބޭންކުން އަޅާފައިވާ އިތުރު ފިޔަވަޅުތަކަށް ބަލާއިރު، ބޭރުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ވެސް މަހެއްގެ މައްޗަށް 1,200 ޑޮލަރުގެ ލިމިޓެއް ރުފިޔާ ކާޑުން މިހާރު ލިބެއެވެ. އަދި ކިޔެވުމުގެ ޚަރަދުތަކާއި ޓިއުޝަން ފީ ދެއްކުމަށްޓަކައި ބެލެނިވެރިންނަށް ރުފިޔާ އެކައުންޓް މެދުވެރިކޮށް ޓީޓީ ހެދުމުގެ އިންތިޒާމު ވެސް ބޭންކުން ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން، ސަރުކާރުން ދަރިވަރުންނަށް ދޭ ސްޓައިޕެންޑާއި އެހެނިހެން އެލަވަންސްތައް، ދަރިވަރުން ބޭރު ގައުމުތަކުގައި ބޭނުންކުރާ އެކައުންޓުތަކަށް ސީދާ ލިބޭނެ ގޮތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މިހާރު ވަނީ ހަމަޖައްސާފައެވެ.