އެމެރިކާގެ ނިއު ޔޯކް ސިޓީގައި ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ އިންތިހާބުގައި، ފަލަސްތީނަށް ތާއީދުކުރާ ކެންޑިޑޭޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ. ނިއު ޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީގެ ތާއީދާއެކު ނުކުތް މި ކެންޑިޑޭޓުން ވަނީ، އިޒްރޭލަށް ތާއީދުކުރާ އަދި ގިނަ ދުވަސްތަކެއް ވަންދެން މަގާމުތަކުގައި ތިބި ނުފޫޒުގަދަ ސިޔާސީ ބޭފުޅުން ބަލިކޮށްފައެވެ.
މި އިންތިހާބުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކާމިޔާބީއަކީ، ގިނަ ދުވަސްތަކެއް ވަންދެން ކޮންގްރެސްގައި ހިމެނިވަޑައިގެންނެވި އެޑްރިއާނޯ އެސްޕައިލަޓް ބަލިކޮށް، ޑޭރިއަލީޒާ އަވީލާ ޝެވަލިއޭ ހޯދި ކާމިޔާބީއެވެ. ފާއިތުވި ނޮވެންބަރު މަހު ކެމްޕޭން ފެށިއިރު އާންމުންގެ ތެރޭގައި މާބޮޑު މަގުބޫލުކަމެއް ނެތް އަވީލާ ޝެވަލިއޭ، އޭނާގެ ކެމްޕޭން ބިނާކޮށްފައިވަނީ އިމިގްރޭޝަން ނިޒާމުގެ ސަބަބުން ވަކިވެފައިވާ އާއިލާތައް ގުޅުވައިދިނުމަށާއި، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މަސައްކަތްކުރުމުގެ މައްޗަށެވެ. އޭނާ އިންތިހާބުވެފައިވަނީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރި ކޮލަމްބިއާ ޔުނިވަރސިޓީ ހިމެނޭ ސަރަހައްދުންނެވެ. އެ ޔުނިވަރސިޓީގެ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ފިޔަވަޅުތައް އަޅައި، ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ ދަނޑިވަޅެއްގައި، މުޒާހަރާތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ފަރާތެއް ކޮންގްރެސްއަށް އިންތިހާބުވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
މީގެ އިތުރުން، މޭޔަރު މަމްދާނީގެ ތާއީދު ލިބިފައިވާ އިތުރު ދެ ކެންޑިޑޭޓަކު ވެސް ވަނީ ކޮންގްރެސްގެ ޕްރައިމަރީ ކާމިޔާބުކޮށްފައެވެ. އެގޮތުން، އިޒްރޭލަށް އަސްކަރީ އެހީ ދިނުމާ ދެކޮޅުހަދާ ބްރެޑް ލޭންޑަރ ވަނީ، އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދުކުރާ ޑޭން ގޯލްޑްމަން ބަލިކޮށްފައެވެ. އަދި ޑިމޮކްރެޓިކް ސޯޝަލިސްޓެއް ކަމަށްވާ ކްލެއަރ ވެލްޑޭޒް ވަނީ ހުސްކޮށް އޮތް ގޮނޑިއެއްގެ ޕްރައިމަރީ ކާމިޔާބުކޮށްފައެވެ. މި ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކަކީ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ބޮޑު ދާއިރާތަކަކަށް ވުމާއެކު، އަންނަ ނޮވެންބަރު މަހު އޮންނަ އާންމު އިންތިހާބުގައި އެ ފަރާތްތަކަށް ފަސޭހަކަމާއެކު ކާމިޔާބު ލިބޭނެ ކަމަށް ބެލެވެއެވެ. ސްޓޭޓް ލެވެލްގައި ވެސް އިޒްރޭލަށް ފާޑުކިޔާ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބީ ހޯދާފައެވެ. މީގެ ތެރޭގައި، ނިއު ޔޯކްގެ ފުރަތަމަ ފަލަސްތީނު ދަރިކޮޅުގެ ސްޓޭޓް ސެނެޓަރަށް ވުމާ ގާތަށް ގޮސްފައިވާ އޭބަރ ކަވާސް ހިމެނެއެވެ.
މި ނަތީޖާތަކާ ގުޅިގެން، ޖުވިޝް ވޮއިސް ފޯރ ޕީސް (ޖޭވީޕީ) އެކްޝަންގެ ޕޮލިޓިކަލް ޑިރެކްޓާ ބެތު މިލަރ ބުނި ގޮތުގައި، މިއީ ނިއު ޔޯކްގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބިންހެލުމެކެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ފާޅުގައި ތާއީދުކުރުމަކީ ހަމައެކަނި އަހުލާގީ ގޮތުން ރަނގަޅު ގޮތް ނޫން ކަމަށާއި، އެއީ ކުރިއެރުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންނަށް ކާމިޔާބީއާ ހަމައަށް ދެވޭނެ މަގުކަން މި އިންތިހާބުން ސާބިތުވެއްޖެ ކަމަށް އޭނާ ފާހަގަކުރިއެވެ. ޔޫއެސް ކެމްޕޭން ފޯރ ޕަލަސްޓީނިއަން ރައިޓްސް އެކްޝަންގެ ޕޮލިޓިކަލް ޑިރެކްޓަރ އީމާން އާބިދު ވެސް ވަނީ، ފަލަސްތީނާ ދެކޮޅު ސިޔާސީ ނިޒާމު ރޫޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ބުނެފައެވެ.
ސިޓީ ޔުނިވަސިޓީ އޮފް ނިއު ޔޯކް (ކިޔުނީ) ގެ ސޯޝިއޮލޮޖީ ޕްރޮފެސާ ހިބާ ގޮވައިދު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިޔާސީ މަސްރަހުގައި ބަލައިގަނެވޭ ކަންކަމަށް މިހާރު ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ހާއްސަކޮށް، އިޒްރޭލަށް ފާޑުކިޔުމަކީ ސިޔާސީ ގޮތުން ކުރިއަށް ނުދެވޭނެ ކަމެއް ކަމަށް ދެކޭ ފަރާތްތަކަށް، މި އިންތިހާބުގެ ނަތީޖާއަކީ ބޮޑު ނާކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ކެންޑިޑޭޓުންނަށް ކާމިޔާބީ ލިބުނީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އިޒްރޭލަށް އޮންނަ ތާއީދު ކުޑަވަމުންދާކަން ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާއިރު، އެމެރިކާގެ އެހެން ސްޓޭޓްތަކުގައި ވެސް ފަލަސްތީނަށް ތާއީދުކުރާ ކެންޑިޑޭޓުން ދަނީ ކާމިޔާބީ ހޯދަމުންނެވެ. މީގެ ތެރޭގައި ޕެންސިލްވޭނިއާގެ ކްރިސް ރެބް އަދި ނިއު ޖާޒީގެ އާދަމް ހަމާވީ ހިމެނެއެވެ. އަނެއްކޮޅުން، އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) ފަދަ އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތަކުން ދަނީ، މިފަދަ ކެންޑިޑޭޓުން ބަލިކުރުމަށް އެތައް މިލިއަން ޑޮލަރެއް ހަރަދުކުރަމުންނެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އާންމުންގެ ވިސްނުމަށް ބަދަލުތަކެއް އައިސް، އިޒްރޭލަށް ފާޑުކިޔާ ކޮންގްރެސް މެންބަރުން އިންތިހާބުވަމުން ދިޔަ ނަމަވެސް، އެމެރިކާގެ ސަރުކާރުތަކުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި އޮންނަނީ އިޒްރޭލާ އެއްކޮޅަށެވެ. ނަމަވެސް، 2027 ވަނަ އަހަރުގެ ކުރީކޮޅު އާ ކޮންގްރެސްގެ މަސައްކަތް ފެށޭއިރު، ފަލަސްތީނަށް ތާއީދުކުރާ މެންބަރުން ކޮންގްރެސްއާ ގުޅުމުން، އިޒްރޭލަށް ޝަރުތަކާ ނުލައި ތާއީދުކުރުމަށް އޮންނަ އެއްބަސްވުމަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
