މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދަށުން، މިހާރު މަސައްކަތް ކުރަމުންދާ ސެގްމެންޓްގައި ތާރު އެޅުމުގެ ކުރިން ފުރިހަމަކު ރަންޖެހޭ މުހިންމު މަސައްކަތްތައް ނިންމައި ތާރު އެޅުމުގެ މަރުހަލާއަށް ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަގުގެ އަޑީގައި ވަޅުލަންޖެހޭ ނަރުދަމާ އާއި ފެން ހޮޅިތަކުގެ މަސައްކަތްތަކާއި، ފެން ހިންދާ ކާނުތަކާއި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، މަގުގެ ސަބްގްރޭޑިން މަސައްކަތުގެ ތެރެއިން ސެގްމަންޓް 4 އަދި 5 ނިމި، މިހާރު ކުރިއަށްދަނީ ސެގްމަންޓް 2 އަދި 3 ގެ މަސައްކަތްތަކެވެ.
މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީޒްތައް އަންނަ ޖުލައި 1 ވަނަ ދުވަހު ސައިޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަސައްކަތް ކުރިއަށްދާއިރު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވާ ޕާކިންގް ޒޯނާ ހަމައަށް އޮންނަ މަގުގެ ބައި ވަގުތީ ގޮތުން ބަންދުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގ ދަށުން ބޭންކް އޮފް ސިލޯން ކުރިމަތީގައި 588 އުޅަނދަށް ޕާކުކުރެވޭނެ ބޮޑު ޕާކިންގް ޒޯނެއް ހެދުމުގެ އިތުރުން، މަގު ފެހިކުރުމަށް ވެސް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކުރިން ނެގި ގަސްތައް މަގުގެ އެކި ސަރަހައްދުތަކުގައި އަލުން އިންދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއަކީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 830 މީޓަރުގެ މަގު ތަރައްގީކުރާއިރު، މަގުގެ ފެންވަރު ރަނގަޅުކޮށް ފެންހިންދާ ނިޒާމަކާއެކު ހިނގާ މީހުންނަށް ވަކި ލޭނެއް ވެސް ގާއިމުކުރެވޭނެއެވެ. އެމްޓީސީސީގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލުމެވެ.
