ޗައިނާގެ ކްރޫޒް ޝިޕެއް ފުރަތަމަަ ފަހަރަށް ރާއްޖެ އަތުވެއްޖެއެވެ.
ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން މިއަދު ރާއްޖެ އައި "އެމްއެސް ވައިކިންގް ޔީ ޑުން" (MS Viking Yi Dun) ކްރޫޒް ލައިނާގެ ފަސިންޖަރުންނާއި ފަޅުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސްގެ ހިދުމަތް ދީފިއެވެ.
މިގޮތުން، މި އުޅަނދުގައި ތިބި 732 ފަސިންޖަރުންނާއި 486 ފަޅުވެރިން ހިމެނޭހެން ޖުމްލަ 1,218 މީހުންގެ ކްލިއަރެންސް ދީފައި ވެއެވެ. މި ކްރޫޒް ޝިޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް އެމްއޭސީއެލްއާއި ވިޒިޓް މޯލްޑިވްސްއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ބްރޭންޑް އައިޓަމްތައް ބަހާފައި ވެއެވެ.
ޗައިނާގެ ކްރޫޒް ޝިޕެއް ފުރަތަމަަ ފަހަރަށް ރާއްޖެ އަންނަކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ހާމަކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމަށްވާއިރު ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 149،207 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
މި ކްރޫޒް ލައިނާތަކުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ސަރަހައްދުގައި ހިންގާ ރެސްޓޯރެންޓްތަކާއި ސުވެނިއާ ފިހާރަތަކާއި ދޯނިތަކާއި ގެސްޓް ހައުސްތަކާއި ރީޓެއިލް އައުޓްލެޓްތައް ފަދަ ވިޔަފާރިތަކަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ.
އަދި ހަމަ އެހެންމެ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އެއާއެކު ރާއްޖޭގެ އިގްތިސާދު ހަރުދަނާވުމުގެ އިތުރުން، ބޭރުގެ ރިޒާވް އިތުރުވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ވެސް މަގުފަހިވެގެންދާނެއެވެ.
