ރަށަކުން އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށްވެހިކަން ވަގުތުން ބަދަލުކުރެވޭނެ ގޮތް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ. މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު މަގްސަދަކީ، މިހާރު ގާނޫނު އޮތްގޮތުން ރަށެއްގެ ރަށްވެއްސަކަށް ވުމަށްޓަކައި އެ ރަށެއްގައި މެދުކެނޑުމެއްނެތި 5 އަހަރު ދުވަހު ދިރިއުޅެންޖެހޭ އޮތް އޮތުން ބަދަލުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމެވެ.
މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން، ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް އަންނަނިވި ޙާލަތްތަކުގައި އެހެން ރަށެއްގެ ރަށްވެހިކަން ހޯދުމުގެ އިޚްތިޔާރު ލިބިގެންވެއެވެ:
- ވާރުތައިން ބިން ލިބުމުން.
- ބިމެއް ނުވަތަ ގެއެއް ގަތުމުން.
- ހިބައިން ބިމެއް ނުވަތަ ގެއެއް ލިބުމުން.
- ކޯޓު ހުކުމަކުން ބިމެއްގެ މިލްކުވެރިކަން ލިބުމުން.
- ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްގެ ގާނޫނީ މިލްކުވެރިކަން ލިބުމުން.
މި އިސްލާހުގެ ދަށުން ރަށްވެހިކަން ބަދަލުކުރަން އެދޭ ފަރާތްތަކުން، އެ ރަށަކުން ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. އަދި އެ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މިގޮތަށް ރަށްވެހިކަން ބަދަލުކުރާ ހިސާބުން ކުރިން ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓްރީން އެމީހެއްގެ ނަން އުނިކުރަންވާނެއެވެ. އަދި އެއްވެސް މީހަކަށް އެއް ރަށަށްވުރެ ގިނަ ރަށުގައި ރަށްވެހިވެފައި ނުހުރެވޭނެކަންވެސް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.
މި އިސްލާހަކީ ގިނަ ރައްޔިތުންތަކަކަށް އަމިއްލަ ރަށް ނޫން އެހެން ރަށްރަށުން ބޯހިޔާވަހިކަން ލިބެމުންދާ ދަނޑިވަޅެއްގައި، އެ ރަށްރަށުގެ ރަށްވެހިކަން ހޯދުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށަހެޅުނު މުހިންމު އިސްލާހެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
