ދައުލަތުން، ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ 31.9 މިލިއަން ރުފިޔާ ސިވިލް ކޯޓުގައި ހިފަހައްޓާފައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
މި އަމުރު ނެރެފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓްގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފުކޮށް، އެ މައްސަލަ ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުންނެވެ.
މިއީ ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތަށް ފޯރުކޮށްދިން ކަޅުހަންތަކަކާ ގުޅިގެން ހަތަރު ބިލަކަށްވާ ފައިސާއާއި ޖޫރިމަނާ ހޯދުމަށް އެ ކުންފުނިން ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ޖުމްލަ 31،990،926.93 ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދެއްކުމަށެވެ. ނަމަވެސް، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ފައިސާ ހިސާބުކުރުމުގައި އޮޅުންތަކެއް އަރާފައިވާ ކަމަށާއި، ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ސިވިލް ކޯޓުގެ ނިންމުން ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އަދި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން އެދުނު މައިގަނޑު ސަބަބަކީ، ފައިސާ ދޫކޮށްފިނަމަ، މައްސަލަ ކާމިޔާބުވާ ހާލަތެއްގައި އެ ފައިސާ އަނބުރާ ހޯދުމަށް ދަތިވާނެކަމުގެ ބިރު އޮތުމެވެ. އެގޮތުން ދައުލަތުން ފާހަގަކުރި ގޮތުގައި، 2011 ވަނަ އަހަރުގެ އެހެން މައްސަލައެއްގައި ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކައި އޮތްއިރު، އެ ކުންފުނީގެ މާލީ ގާބިލުކަމެއް ނެތެވެ.
މީގެ އިތުރުން، އޮޑިޓާ ޖެނެރަލްގެ ރިޕޯޓަކާ ހަވާލާދީ ދައުލަތުން ބުނެފައިވަނީ، އެ ކުންފުނިން ފޯޖުކޮށްގެން އުފައްދާފައިވާ ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވި، ޖިނާއީ ތަހުގީގެއްވެސް ހިނގަމުންދާ ކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށެވެ. އެހެންނަމަވެސް، ދެ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ހައިކޯޓުން އަމުރުކޮށްފައިވަނީ، ދައުލަތުން ދައްކަންޖެހޭ ފައިސާ ސިވިލް ކޯޓަށް ޖަމާކުރުމަށެވެ. އަދި ހައިކޯޓުން މި މައްސަލަ ނިމެންދެން، އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށް ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްގެ އިއްތިފާގުން ވަނީ އަމުރުކުރައްވާފައެވެ.
ހައި ކޯޓުން މިފަދަ އަމުރެއް ނެރެފައިވާއިރު ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދަން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ސައްހަ ނޫން އިންވޮއިސްތަކެއް ހުށަހެޅި މައްސަލަ ފުލުހަށްވެސް ހުށަހަޅާފައި ވެއެވެ.
އެގޮތުން އެ ކުންފުނިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ 3 މައްސަލައެވެ. އެއީ އެންވާރަމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ މައްސަލައަކާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.
