ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ބޮޑުތަކުރުފާނު މަގު ބަންދުކުރުމުން ދިމާވި ޓްރެފިކް މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ. މި ބަދަލާއެކު، މިހާރު އޯކިޑު މަގުން ނުކުމެ، ޗާންދަނީ މަގުން ދަތުރުކޮށް ބޮޑުތަކުރުފާނު މަގަށް ނުކުމެވޭނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.
ވަގުތީ ގޮތުން ގެނައި މި ބަދަލު އުވާލާނީ މިހާރު ބަންދުކޮށްފައިވާ ސަރަހައްދުގެ މަސައްކަތް ނިމި، އާންމުކޮށް ދަތުރުފަތުރަށް ހުޅުވާލުމުން ކަމަށް ވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް އަންނަ ޖުލައި 26 ގެ ކުރިން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
އެމްޓީސީސީން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުން އެ މަޝްރޫއުގެ ފޭސް އެކެއްގެ ނަރުދަމާ އާއި ފެން ލައިނު ގުޅުމުގެ 100 ޕަސެންޓް ވަނީ ނިމިފަ އެވެ. އަދި މައި ފެން ހޮޅިލުމުގެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިންމޭނެ ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.
އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށް ފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ލިބިފައިވެ އެވެ. ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.
