އެފްރިކާ ޗެމްޕިއަންކަން އެތަށް ފަހަރަކު ނަގާފައިވާ އިޖިޕްޓްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ މެޗަކުން މޮޅުވެއްޖެއެވެ. މިއަދު ހެނދުނު ރާއްޖޭ ގަޑިން 6 ޖެހި އިރު ކެނެޑާގެ ވެންކޫވާގައި ނިއުޒިލޭންޑްއާ ވާދަކޮށް އިޖިޕްޓް މޮޅުވީ ފަހަތުން އަރާ 3 ލަނޑު ޖަހާ 3-1 ގެ ސްކޯލައިނަކުންނެވެ.

މިމެޗުގައި އިޖިޕްޓުން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނިއުޒީލޭންޑުންނެވެ.

މިގޮތުން، އެޓީމަށް ލިބުނު ކޯނަރަކުން މެޗުގެ 15 ވަނަ މިނެޓްގައި މިލަނޑު ނިއު ޒީލޭންޑަށް ޖަހާ ދިނީ ފިން ސާމަންއެވެ. ފުރަތަމަ ހާފް ނިއުޒިލޭންޑް ކުރީގައި އޮވެގެން ނިންމާލި އިރު ދެވަނަ ހާފްގައި ވެސް މޮޅެއް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އިޖްޕްޓުންނެވެ. ނަތީޖާއަކަށް ވީ އިޖިޕްޓުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރުމެވެ.

މިލަނޑު އެޓީމަށް ޖަހާ ދިނީ މުޅި މެޗުގައި ވެސް ނުރައްކާތެރި ކުޅުމެއް ދެއްކި މުސްތަފާ ޒިކޯއެވެ. މުހައްމަދު ހާނީގެ ރީތީ ހުރަހަކުން މި ލަނޑު ބޮލުން ޖަހާ ގޯލަށް ޒިކޯ ވައްދާލީ މެޗުގެ 58 ވަނަ މިނެޓްގައެވެ.

މިލަނޑަށް ފަހު މާ ގިނަ އިރު ތަކެއް ނުވެ ދެން ފެނުނީ ޒިކޯގެ ރީތި އެސިސްޓެކެވެ. އޭނާ އެސިސްޓް ހަދާ ދިނީ ލިވަޕޫލްގެ ކުރީގެ ފޯވަޑް އަދި މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހަށެވެ. މިއީ ސަލާހް މި މުބާރާތުގައި ޖެހި ފުރަތަމަ ލަނޑެވެ.

އިޖްޕްޓްގެ ތިން ވަނަ ގޯލު އެސިސްޓްކޮށް ދިނީ ސަލާހެވެ. މިލަނޑަކީ އޭނާ ނެގި ކޯނަރަކުން ޓްރެޒަގޭ ބޮލުން ޖަހާ ވައްދާލި ލަނޑެކެވެ. މި ލަނޑާއެކު އިޖްޕްޓްގެ ފުރަތަމަ ވޯލްޑްކަޕް 3 ޕޮއިންޓް ކަށަވަރުވެގެން ދިޔައެވެ. އަދި އެޓީމު މިވަނީ މުބާރާތުގެ ދެވަނަ ބުރާ ގާތަށް ޖެހިލާފައެވެ.