މި ސަރުކާރުން ނާއިންސާފުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައީސް މުހައްމަދު މުއިއްޒު އުފައްދަވަމުން އެ ގެންދަވަނީ އިންގިލާބެއް ކަމަށާއި، އެ އިންގިލާބަށް ރައްޔިތުން ނުކުމެ މި ސަރުކާރު ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުންނާއި އެކި ވަޒީފާތަކުން ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް "ވަޒީފާ ބުރާސްފަތި" ނަމުގައި އެމްޑީޕީން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭ 8:30 ހާއިރު ރަސްފަންނު ސަރަހައްދުން ފެށި މި އިހުތިޖާޖަކީ އެމްޑީޕީގެ ޗެއާޕާސަން ކަމާ ނަޝީދު ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި މިފަދަ ފުރަތަމަ ބޮޑު ހަރަކާތެވެ. މި ހިނގާލުން ނިންމާލާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.
އިހުތިޖާޖުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ވަޒީފާ އަދާކުރާ މީހުންގެ އަސާސީ ހައްގުތައް ރައްޔިތުން ހޯދީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެއްވެސް ހަމައެއް އިންސާފެއް ނެތި ސަރުކާރު ހިއްސާވާ ކުންފުނި ތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް ކަމަށެވެ. އަދި ރައްޔިތުން އެ އިންގިލާބު ގެންނަން ނުކުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ވަރުގަދަ މުއައްސަސާއެއް ކަމަށާއި، މި ސަރުކާރުގެ ނާއިންސާފާ ދެކޮޅަށް ކުރާ މަސައްކަތުގައި އެ ޕާޓީ ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި ވަޒީފާގެ ބިރުވެރިކަމުގައި ތިބި ފަރާތްތަކާއެކު އެމްޑީޕީ އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.
އެމްޑީޕީގެ ރޭގެ އިހުތިޖާޖު ނިންމާލީ ވަރަށް ސުލުހަވެރިކޮށް، ފުލުހުންގެ އެއްވެސް ހުރަހަކާ ނުލައެވެ. މި ހަރަކާތުގައި އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންނާއި އާންމު މެންބަރުން ވަނީ ބައިވެރިވެފައެވެ.
