ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުމާއި ރަސްމީކޮށް ހަވާލުވުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑރ. އަލީ އަޒްވަރު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިއާ (ރޓޑ) އަލީ ޒުހައިރު އެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ނެޓްވޯކް ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ސްޓެލްކޯއިން އުފުލާނެއެވެ.

މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް އިޖާބަދިނުމަށްޓަކައި، ސްޓެލްކޯގެ އެމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ ޖާގަ ވެސް އެޗްޑީސީން ވަނީ މިއަދު އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މި ސެންޓަރު ގާއިމްކުރުމުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ސްޓެލްކޯގެ ފަރާތުން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައެވެ.