ވަޑިންނަށް ލޯނު ދިނުމާއި ސަރުކާރުގެ ސްކީމްތަކުގެ ދަށުން މާލީ އެހީދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދު ވެވަޑައިގެންފިއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. އިންނަމާދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް މީގެ ކުރީގެ ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި ހުރި ރަށްރަށަށް ރަނގަޅު އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިއްޖެ ކަމަށާއި މި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތުގައި ކާމިޔާބު ތަކެއް ހޯއްދެވިއްޖެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ކުރީގެ ސަރުކާރުގެ ބައެއް މަސައްކަތް ނުނިމި ހުރި ކަމަށާއި އެހެންނަމަވެސް އެ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކުގައި ސަރުކާރު ބަދަލުވި ކަމުގައި ވިޔަސް އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ފަށާފައިވާ މަސައްކަތްތައް ޕްލޭނެއް ނެތުމުގެ ސަބަބުން ބައެއް ރަށް ރަށުގެ މަޝްރޫއުތަކުގައި މައްސަލަތައް ދިމާވި ކަމަށާއި އެގޮތުން އިންނަމާދޫގެ ނަރުދަމާއަށް އެ މައްސަލަ ދިމާވި ނަމަވެސް އެކަމަށް ހައްލު ގެނެސްދެއްވާފައިވާ ކަމަށެވެ.

އިންނަމާދޫއަކީ ވަޑިން ގިނަ ރަށެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އިންނަމާދޫ އަކީ އިގްތިސޯދު މުހިއްމު ދައުރު އަދާކުރާ ރަށެއް ކަމަށާއި އެ މީހުންގެ މަސައްކަތުގައި ވެސް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެ ފަދަ މަސައްކަތްތެރިންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ އެކި ސްކީމްތަކުގެ ދަށުން އެ ފަދަ މަސައްކަތްތެރިންނަށް މާލީ އެހީތެރިކަން ލިބޭނެ ގޮތް ކުރިއަށް އޮތް ތަނުގައި ހައްދަވައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ފައިބަރު މަސައްކަތް ވެސް ކުރަމުންދާ އިންނަމާދޫގެ ވަޑިން އެ ރަށާ ކައިރިން ބިން ލިބޭނެ ގޮތް ހަދައިދިނުމަށް އެދިފައިވާ ކަމަށާއި އެ މަސައްކަތް އަދި ނުނިމޭތީ ވަޑިންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އަދި އެކަން ހައްލުކޮށް ކައިރި މުސްތަގުބަލުގައި އެ ތަނުގައި ރަނގަޅު ނިޒާމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ އިންނަމާދޫ ސްކޫލަށް ބޭނުންވެފައި ހުރި އޮފީސް އިމާރާތާއެކު ފެސިލިޓީތައް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއެކު ޔޫތު ސެންޓަރެއް ހެދުމަށާއި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން ރޯ ހައުސް ނުވަތަ ފްލެޓް އަޅައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒު ބޮޑުކުރުމާއެކު ވަސީލަތްތައް އިތުރުކޮށް 24 ގަޑިއިރަށް ބަދަލު ކުރުމާއެކު މަގުތަކުގައި ތާރު އަޅައިދެއްވުމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންނަމާދޫ ކައުންސިލް އާ އިމާރާތެއް ހަދައިދެއްވާނެ ކަމަށާއި ކުރިއަށް އޮތް ދައުރު ފެށުމާއެކު އެ މަސައްކަތްތަކުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.