ބައެއް ރަށްރަށުން އެހާ ތާއީދު ނުލިބުނަސް، ނުވަތަ ސުމެއް ދިނަސް އެ ރަށަކަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ އަތޮޅަށް ކުރައްވާ ދަތުރުގައި މިއަދު އެ އަތޮޅުގެ އިންނަމާދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ އިންނަމާދޫގެ ތަރައްގީގެ މަސައްކަތަށްވެސް ދެއްވާނީ ފުރިހަމަ އިޖާބައެއް ކަމަށާއި ކޮންމެ ރަށަކަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވާނީ އިހުލާސްތެރިކަމާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ މައިގަނޑު ސިޔާސަތަކީ ހަމަހަމަކަން ކަމަށާއި ކޮންމެ ރަށަކަށްވެސް އެކަން އޮންނާނީ އެހެން ކަމަށެވެ. އަދި ބައެއް ރަށްތަކުން އެހާ ބޮޑު ތާއީދު ނުލިބުނަސް ނުވަތަ ސުމެއް ދިން ނަމަވެސް އެ ރަށްރަށަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވަނީ ތަފާތެއް ނުކުރައްވާނެ ކަމަށާއި އޭނާއަށް މުހިއްމީ ރައްޔިތުން ތިބޭ ޕާޓީއެއް ނޫން ކަމަށާއި ދިވެހި ރައްޔިތެއް ކަމަށް ވަނީނަމަ އެ ހަމަހަމަކަން އޮންނާނެ ކަމަށެވެ. އެހެންނަމަވެސް މުއިއްްޒަށް ވޯޓު ދިނުމަކީ މިހާރުގެ ހާލަތު އޮތް ގޮތުން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ އިންނަމާދޫ ސްކޫލްގެ އިމާރާތެއް އަޅައިދިނުމަށް އެދޭ ކަމަށާއި އެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ މަރުކަޒަށްވެސް ބޭނުންވާ ޖާގަ އިތުރުކޮށް ފެންވަރު ރަނގަޅު ސިއްހީ މަރުކަޒަކަށް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އޭޓީއެމްގެ ހިދުމަތް އިންނަމާދޫއިން ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދަން ފަށާފައިވާ ފުޓްބޯޅަ ދަނޑުތައް މި ސަރުކާރު އައުމަށްފަހު ނުނިންމާ ހުރި ކަމަށެވެ. އަދި އިންނަމާދޫގެ ފުޓްބޯޅަދަނޑު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަކީ ކޮށްދެއްވާނެ ކަމެއް ކަމަށެވެ.
ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ބިން އޮންނަ ރަށްތަކުގައި ގޯތި ދެވެން އޮތްނަމަ ގޯތި ދިނަސް ބިން ނެތް ރަށްތަކުގައި ބިން ހިއްކައިގެން ހައުސިން މަޝްރޫއު ހިންގަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އިންނަމާދޫގައިވެސް ހައުސިން މަޝްރޫއެއް ހިނގަން އޭނާ ވަނީ ވިދާޅުވެފައެވެ.
އިންނަމާދޫއަކީ ބޯޓް ބިލްޑިންނާއި ސަފާރީ ބަނުމުގެ މަސައްކަތް ކުރާ ރަށެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެހެންނަމަވެސް ދިވެހިން އެ މަސައްކަތަށް ނެރެން ސަރުކާރުން އެހާ ބޮޑު ސަމާލުކަން ނުދޭ ކަމަށެވެ. އަދި ދިވެހިން އެ މަސައްކަތުގައި ކުރިއަށް ނުދެވެނީ ސަރުކާރުގެ މަޝްރޫއުތަކުގައި ބޭރުގެ ފަރާތްތަކަށް އިސްކަންދޭތީ ކަމަށާއި އެހެންކަމުން ދިވެހިންގެ ކުންފުނިތަކަށް އެ ފުރުސަތު ކުޑަ ވެގެންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުންވެސް ލޯންޗް ބަނުމާއި އެފަދަ މަސައްކަތްތައް ކުރަން ކޮންޓްރެކްޓް ކުރާ ކަމަށާއި އޭނާގެ ސަރުކާރެއްގައި ސަރުކާރުގެ ކޮންމެ ބިޑަކަށް އިސްކަން ދޭނީ ދިވެހިންނަށް ކަމަށެވެ. އަދި ބޯޓްބިލްޑިންގެ ދާއިރާގައި ދިވެހިން ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.