ޕޭޕަލްގެ ހިދުމަތާއެކު ޒުވާނުންނަށް ގެއްލިފައިވާ ގިނަ ފުރުސަތުތަކެއް މިހާރު ލިބިގެން ގޮސްފައިވާކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށްގެންދިޔަ "ޕޭޕަލްގެ ހިދުމަތް ދިވެހިންނަށް" ޕްރެސް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނިޔާޒު ވިދާޅުވީ އެމްފައިސާގެ ތެރެއިން ޕޭޕަލްގެ ހިދުމަތް ލިބިގެން ދިޔުމަކީ މުޅި ރާއްޖެ ފަހުރުވެރިވާނެ ކަމެއް ކަމަށާއި، މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށެވެ.
ނިޔާޒު ވިދާޅުވީ މިކަން ކުރަން އުރީދޫއަށް ވަގުތުކޮޅެއް ނެގީ ޕޭޕަލްގެ ސްޓޭންޑާޑްތަކަށް ޕްލެޓްފޯމު ގެނައުމަށްކަމަށެވެ. ޕޭޕަލް އައުން ލަސްވަނީ ކީއްވެތޯ ގިނަ ސުވާލުތަކެއް އަމާޒުވެފައިވާކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ މިކަން ކުރުމަށް ވަރަށް ދިގު ޓެސްޓިންތަކެއް ވެސް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ.
މީގެއިތުރުން ނިޔާޒު ވިދާޅުވީ ޕޭޕަލް ލޯންޗުކުރީ އެމްފައިސާގެ ތެރެއިން ޕޭމަންޓް ރާއްޖެ ގެނައުމަށްކަމަށާއި، ބޭރުގެ ޕްލެޓްފޯމުތަކުގައި ވިޔަފާރިކޮށް ދިވެހިން ގެންނަން ބޭނުންވާ ޑޮލަރު މި ޑިޖިޓަލް ވޮލެޓުގެ ޒަރީއާއިން ގެނެވޭނެކަމަށެވެ.
މީގެއިތުރުން ޕޭޕަލް އެކައުންޓަށް ލިބޭ ރުފިޔާ ރާއްޖޭގެ ބެންކު އެކައުންޓުތަކަށް ފޮނުވާލެވޭކަމަށާއި، އެގޮތުން އެމްއައިބީ އަދި ބީއެމްއެލްގެ ޑޮލަރު އެކައުންޓުތަކަށް ފޮނުވާލުމަށްފަހު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގޭނެކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ.
އެއާއެކު ނިޔާޒު ވިދާޅުވީ މިއީ ދިވެހި ޒުވާނުންނަށް ގެއްލިފައިވާ ފުރުސަތުތަކެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މި ހިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު އާ ހިސާބަކަށް ގޮސް، ދުނިޔޭގެ މާލީ މުއާމަލާތްތަކުގައި ދިވެހިންނަށް ހުރި ހުރަސްތައް ނައްތާލެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މިއީ ރައީސް މުއިއްޒު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު، ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަން ހޯދައިދެއްވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޕޭޕަލްގެ ހިދުމަތަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ، މުއްސަނދި ގައުމަކަށް ހެދުމަށް ގެންގުޅުއްވާ "ވިޝަން 2040" އިގްތިސާދީ ތަސައްވުރުގެ މުހިންމު ބައެކެވެ. "މޯލްޑިވްސް 2.0" ޑިޖިޓަލް އެޖެންޑާގެ ދަށުން، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓް ޑިޖިޓަލް އިކޮނޮމީން ހިއްސާކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
