އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެ އިރު މިރޭ ދެ ގްރޫޕެއްގެ ހަތަރު މެޗު ކުޅޭނެއެވެ.

މިރޭ 10 ޖަހާ އިރު ޖާމަނީ އަދި އަލަށް ކުޅޭ ކިއުރެސާއޯ

މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ރާއްޖޭ ގަޑިން ދަންވަރު 12 ގެ ފަހުން ކުޅެފައިވާ އިރު ގްރޫޕް އީގައި މިރޭ ޖާމަނީ އަދި ވޯލްޑްކަޕްގައި އަލަށް ފެނިގެންދާ ކެރޭބިއަންގެ ގައުމު ކިއުރެސާއޯ ކުޅޭ މެޗަކީ ދިވެހިންނަށް ފަސޭހައިން ބެލޭ ކަހަލަ ގަޑިއެއްގައި ކުޅޭ މެޗެކެވެ. އެމެރިކާގެ ހިއުސްޓަންގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 10 ޖަހާ އިރު އެވެ. އެހެން ނަމަވެސް އެއީ އެމެރިކާ ގަޑިން މެންދުރު 12 ޖަހާ އިރު ކަމަށްވާ އިރު މިކަމުގެ ސަބަބުން ކުޅުންތެރިންނަށް އަސަރުކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.

ދަންވަރު 1 ޖަހާ އިރު ނެދެލޭންޑްސް އަދި ޖަޕާނުގެ ކުރިމަތިލުމެއް

މިފަހަރު ވެސް ޖަޕާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވޭ/ފޮޓޯ: ގޫގަލް

މިރޭ 12 ގެ ފަހުން އޮންނަ ފުރަތަމަ މެޗުގައި މެންދަމު 1 ޖަހާ އިރު ފެނިގެންދާނީ ގްރޫޕް އެފްގެ ފުރަތަމަ މެޗެވެ. މި މެޗުގައި ވާދަކުރާނީ ނެދެލޭންޑްސް އަދި ޖަޕާނެވެ. މިއީ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ބުރުގެ މެޗުތަކުގައި އެންމެ ފޯރިގަދަ އަދި އެންމެ މޮޅު ކުޅުމެއް ފެނިގެންދާނެ އެއް މެޗަށް ވުން އެކަށީގެންވެއެވެ.

ފަތިހު 4 ޖަހާ އިރު އައިވަރީ ކޯސްޓް އަދި އިކުއަޑޯ

ގްރޫޕް ސީގެ ދެވަނަ މެޗުގައި ވާދަކުރާނީ އެފްރިކާގެ ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓް އަދި ދެކުނު އެމެރިކާގެ އެކުއަޑޯއެވެ. މިމެޗު ކުޅޭނީ ރާއްޖޭ ގަޑިން ފަތިހު 4 ޖަހާ އިރުއެވެ.

ހެނދުނު 7 ޖަހާ އިރު ގްރޫޕް އެފްގެ ދެވަނަ މެޗު

މާދަމާ ހެނދުުނު ގްރޫޕް އެފްގައި ސުވިޑަން އަދި ޓިއުނީޝިއާ ވާދަކުރާ މެޗު ކުޅޭނެއެވެ. މެކްސިކޯގައި ކުޅޭ މެޗު ފެށެނީ ރާއްޖޭ ގަޑިން ހެނދުނު 7 ޖަހާ އިރުއެވެ.