ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ އަހުމަދު އާސިފްއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.

މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ފެނިފައިވާ ކަމަށާއި އަދި އޭނާގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން" ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.