އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ އިންސާފުވެރިކަން ގެއްލޭގޮތަށް އިންތިހާބާ ބެހޭ ކޮމިޓީއިން އަމަލުކުރާ ކަމަށް ވިދާޅުވެ، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މައްސަލަ ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް އެޑްރެސްކޮށް މީކާއިލް މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ފޮށިތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ސްކޫލުތަކުގައި ބަހައްޓަން އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެކަމަކު އެ ނިންމުމާ ހިލާފަށް ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ފޮށިތައް ބަހައްޓަން، އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު ނިންމަވާފައިވާ ކަމަށް ވިދާޅުވެ މީކާއިލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

" ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ކަންކަން ވީހާ ވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ސްކޫލުތަކުގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، ފީއައްޔާއި އިސްދޫ-ކަލައިދުއާއި މަތިމަރަދުއާއި ވިލިނގިލީގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ހަރުގެތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް" މީކާއިލް ފޮނުއްވި ސިޓީގައި ވެއެވެ.

ހަމަ އެހެންމެ ފ. ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުން 'ގަނޑުކޮށް' ވޯޓު އަޅާނެ ކަމަށް ފާޅުގައި ބުނެފައިވާ ކަމަށް ތުހުމަތުކޮށް މީކާއިލް ވިދާޅުވީ ކަން އެހެން އޮއްވާ، ވޯޓުލާ މަރުކަޒު ބަދަލުކުރުމަކީ އެ ބުނުމަށް ބާރުލިބޭ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން އިސްލާހުކޮށް، އެ ރަށްރަށުގައި ބަހައްޓާ ވޯޓު ފޮށިތައް އެ ރަށްރަށުގެ ސްކޫލުތަކުގައި ބެހެއްޓޭނެ ގޮތް ހެދުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެ ސިޓީގައިވާ ގޮތުން ހަރުގޭގައި ފޮށިތައް ބަހައްޓަން ނިންމާފައިވަނީ:

  • ފ. ފީއަލި
  • ލ. އިސްދޫ-ކަލައިދޫ
  • ލ. މަތިމަރަދޫ
  • ގއ. ވިލިނގިލި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ. މީކާއިލްގެ އިތުރުން ދެން އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.