ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ދުވަހަކަށް ޖަލު ހުކުމުން ދުވަހެއް ކެނޑޭގޮތަށް ގާނޫނޫތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ހާމަކުރައްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީންނާއި އޮފިސަރުންނަށް ހާއްސަކޮށްގެން މުޅިން އަލަށް 10 ކޯހެއް އިފްތިތާހުކުރުމަށާއި، ނިމުނު ޕްރޮގްރާމްތައް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ، ޖަލުތަކުގެ ނިޒާމު ދެން ބައްޓަންކުރާނީ ގައިދީއަކު ޖަލަށް ވަންނައިރު ތައުލީމީ ގޮތުން ހުރި ފެންވަރަށްވުރެ މަދުވެގެން އެއް ލެވެލް މައްޗަށް އެމީހާގެ ކޮލިފިކޭޝަން ޖެއްސޭނެ ގޮތަށް ކަމަށެވެ. އަދި ޖަލުން ނިކުންނަ ގައިދީންނަކީ މުޖުތަމައު ބަލައިގަންނަ، އަބުރުވެރި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ފަދަ އުޖޫރައެއް ލިބޭނެ ހުނަރުތަކެއް ދަސްވެފައިވާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޖަލުގައި މިހާރު 1400 އެއްހާ ގައިދީން ތިބިކަން ފާހަގަކުރައްވައި، ކޯސްތަކުގައި އަމިއްލައަށް ބައިވެރިވެ 100 އިންސައްތަ ހާޒިރީ ހޯދައިގެން ނަތީޖާ ހާސިލްކުރާ ގައިދީން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދީނީ އަޤީދާ ހަރުދަނާކޮށް، އަލުން އަނބުރާ ކުށުގެ ވެއްޓަށް ދާން ނުޖެހޭވަރަށް އަމިއްލަ ނަފްސުގެ ޔަޤީންކަން އިތުރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ހުރިހާ ކަންކަން ފުރިހަމަ ވެގެން މިތަނުން ނިކުމެގެން ގޮއްސިނަމަ އަޅުގަނޑު ގަބޫލުކުރަނީ އާއިލާއިން ބަލައިގަންނަ، މުޖުތަމައުން ބަލައިގަންނަ އަދި އެމީހަކު މުޖުތަމައުގެ ތެރޭގައި އެހެން މީހަކަށް އެއްވެސް ވަރަކަށް ބަރޯސާ ނުވެ އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގެއް ތަނަވަސްވުން" ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ގައިދީންނާއި އޮފިސަރުންނަށް އަމާޒުކޮށްގެން 10 ކޯހެއް ވަނީ އިފްތިތާހުކޮށްފައެވެ.

  • ގިރާއަތް ކޯސް (ސެޓިފިކެޓް 1، 2 އަދި 3)
  • ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް
  • ސެޓިފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ
  • ސެޓިފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސާާސް
  • ސެޓިފިކެޓް 3 އިން ޕްރިޒަން އިންޓެލިޖެންސް
  • ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް
  • ސެޓިފިކެޓް 1 އިން ފެހުން (ސްވިން)
  • ސެޓިފިކެޓް 1 އިން ދަނޑުވެރިކަން (އެގްރިކަލްޗާ)
  • ސެޓިފިކެޓް 4 އަދި 5 އިން ކަރެކްޝަނަލް މެނޭޖްމަންޓް
  • ސެޓިފިކެޓް 1 އިން ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝިއަން

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ވަރުގަދަ ތައުލީމީ ނިޒާމެއް ގާއިމުކުރުމަށް ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކި ޖަމްއިއްޔާތަކާ ގުޅިގެންނާއި ބަޖެޓުގެ އެހީގައި ގައިދީންނަށް ބިނާކުރަނިވި މަސައްކަތްތަކެއް ދަސްކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ސީޕީ އިތުރަށް ވިދާޅުވީ، މިހާރު ޖަލުތަކުގެ ތެރޭގައި އިންޑަސްޓްރިއަލް ސެންޓަރެއްގެ ފެންވަރުގައި ބޮޑެތި މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި މިފަދަ އެއްވެސް ބޮޑު ޕްރޮޖެކްޓެއް ބޭރު ބަޔަކާ ހަވާލުނުކޮށް، ކުރިއަށްގެންދަނީ ޖަލުގެ ހީވާގި އޮފިސަރުންނާއި ގައިދީން ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިއަހަރު ހިންގި އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށާއި، ކޯސްތައް ހިންގުމުގައި އެހީތެރިވެދިން ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކޮށްފައިވެއެވެ.