ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަނުގެ ނަތީޖާއާއެކު ރައީސް މުއިއްޒު ހުންނެވީ "ރަނގަޅަށް ބަލިވެފައި" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ބައި އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ މޭޔަރު އަބްދުالله ސާދިގް (ސޯބެ) ކާމިޔާބު ކުރައްވާފައިވާއިރު އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން ސޯޝަލް މީޑީއާގައިވަނީ ބޮޑު ބަހުސެއް ފެށިފައެވެ.
އެގޮތުން ޕީއެންސީއަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ހިތަދޫ ވޯޓު ފޮށިތަކުން އެ ޕާޓީގެ ކެންޑިޑޭޓް އަހްމަދު ސައީދު ކުރި ހޯއްދަވާފައިވާކަން ފާހަގަކޮށްފައެވެ. އަދި މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ޕާޓީގެ އިސް ލީޑަރުންވެސް ސިފަކުރައްވާއިރު މި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ބައެއް ފަހަރު ތަޅާ ފޮޅާއިރު ވާގޮތެއް އޮވޭ، ގަދަ މީހާ ޖަހާއިރަށް އަނގައިން ބަލިނުވާ މީހާ ބުނާނެ، 'ދެން ޖަހައިބަލަ'. އެންމެ ފަހުން ހެސް ކިޔާފައި ކަންކަށީގައި ޖަހާ ވެއްޓުނީމާ ބުނާނެ، އައްދެ ކިރިޔާ ޖެހުނުކަމޭ" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަކީ 2024ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ އަށް ބޮޑު އައުލަބިއްޔަތަކުން ލިބިފައިވާ ގޮނޑިއެއްކަން ފާހަގަކުރައްވާފައެވެ.
އިދިކޮޅު އެމްޑީޕީން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ލިބުނުކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ހަމަ ރަނގަޅަށް ވެސް ބަލިވެވަޑައިގެންފައިވާ ކަމަށެވެ.
މީގެ އިތުރުން ރޭ ގދ. ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައިވެސް ނަޝީދު ވަނީ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް މިހާރު އެ ހުންނެވީ "ތިންފަށް ވެފައި" ކަމަށާއި ދެން ރައީސަށް އޮތް ގޮތަކީ އަލުން ފެއްޓެވުން ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރުގެ ވަޒީރުންނާ، ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވީ، ކުރީގެ ތިން ރައީސުން އެކުވެގެން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރެއްވި ނަމަވެސް، ޕީއެންސީން ނެރުނީ އުއްމީދީ ނަތީޖާއެއް ކަމަށެވެ.
