މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކުރުމަށް ހިންގާ 8.8 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި ބަދަލުތަކަކީ މަޝްރޫއު ހިންގާ ކުންފުނިން އަމިއްލައަށް ބޭނުންވެގެން ހުށަހެޅި ބަދަލުތަކެކެވެ. ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހު އިއުލާނުކުރި މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތެވެ.
މަޝްރޫއު ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މަޝްރޫއުގެ މަސައްކަތްތައް ނުހުއްޓޭ ކަމަށެވެ. މުންދު ފާހަގަކުރެއްވި ގޮތުގައި، ކުންފުނިން ފުރަތަމަ ހުށަހެޅި ސްކޯޕަށް ބަދަލު ގެނެސްފައިވާތީ، ކަމާބެހޭ އިދާރާތަކުން މިހާރު ކުރިއަށް ގެންދަނީ އެ ރިވައިސްޑް ސްކޯޕްގެ ފީޒިބިލިޓީ ދިރާސާކުރުމާއި އެޕްރޫވަލްތައް ދިނުމުގެ މަރުހަލާއެވެ.
އަދި މި ބަދަލުތަކުގެ ފީޒިބިލިޓީއާއި އިތުރަށް ބަލަންޖެހޭ ފަންނީ ކަންކަން ވަޒަންކުރުމަށްފަހު، ސަރުކާރުން މިކަމުގައި ގޮތެއް ނިންމާނެކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ގާއިމުކުރާ މި މާލީ ފްރީ ޒޯނަކީ ކުރިއަށް އޮތް 50 އަހަރު ދުވަހު ރާއްޖޭގެ އިގްތިސާދީ މިސްރާބު ކަނޑައެޅުމަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. ޖުމްލަ 780،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ މި ސެންޓަރު ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ފިންޓެކް ކުންފުނިތަކަށް ހާއްސަކޮށްގެންނެވެ.
މި ސަރަހައްދުގައި 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ދުވާލެއްގެ މައްޗަށް 35،000 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރަކާއި، ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ޓަވަރުތަކާއި، މަތީ ފެންވަރުގެ ގެތަކުގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ސެންޓަރުގެ ސަބަބުން ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ރާއްޖޭގެ އިގްތިސާދަށް ވަންނާނެއެވެ.
