ޗައިނާގެ ޒިއަމެންގައި ބޭއްވުމަށް ހަމަޖެހިފައިވާ "26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއާ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް" (ސީއައިއެފްއައިޓީ) ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށާއި ސިނާއީ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށްއިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް (މޮފްކޮމް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މި ބައިނަލްއަގްވާމީ އިންވެސްޓްމަންޓް މައުރަޒު މިއަހަރު އޮންނާނީ ސެޕްޓެމްބަރު މަހުގެ 8 އިން 11 އަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މި މައުރަޒުގައި ރާއްޖޭގެ ފަރާތްތަކުން ބައިވެރިވުމުގެ ފުރުސަތު އޮތްކަން ޗައިނާ ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް އަންގާފައެވެ.
މި މައުރަޒުގެ މައިގަނޑު މަގްސަދަކީ އަމަލީ ގޮތުން ކުރެވޭނެ އިންވެސްޓްމަންޓްތަކަށް ހާއްސަ ޕްލެޓްފޯމެއް ހޯދައި ދިނުމެވެ. މީގެ އިތުރުން އިންވެސްޓްމަންޓްތަކާއި ސިޔާސަތުތަކާ ގުޅުންހުރި މުހިންމު މަޝްވަރާތަކަށް ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި މައުރަޒުގެ ބޭނުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ފެއާގެ ތެރެއިން ވިޔަފާރިވެރިންގެ މެދުގައި ބީ2ބީ ސެޝަންތަކާއި، އިންވެސްޓްމަންޓް ސެމިނާތަކުގެ އިތުރުން، އެކި ޕްރޮޖެކްޓްތައް ތައާރަފުކުރުމަށް ބާއްވާ ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދިވެހި ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މައުރަޒުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، މައުރަޒުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރަން ޖެހެއެވެ. އަދި ބައިވެރިވާކަމުގެ މައުލޫމާތު މި އީމެއިލް އަށް ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
