ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، މ. ފަތްކޯނި އިބްރާހީމް ހަލީމް އަވަހާރަވެއްޖެއެވެ.

ދައުލަތަށް ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ހަލީމްގެ ހިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. އެގޮތުން ރާއްޖޭގެ ކުރީގެ 6 ރައީސުންގެ އަރިހުގައި، ނުހަނު ކަމޭހިތުމާއި ފަރުވާތެރިކަމާއެކު އޭނާ ވަނީ މަސައްކަތްކޮށްދެއްވާފައެވެ.

އިބްރާހިމް ހަލީމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. އިބްރާހިމް ހަލީމް އަވަހާރަވެފައި ވަނީ އުމުރުން 76 އަހަރުގައެވެ. އޭނާގެ ކަށުނަމާދު އޮތީ މިރޭ 23:00 ގައި މާލޭ އާސަހަރާ މިސްކިތުގައެވެ.

އޭނާއަށް ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވައިފައި ވަނީ 2021ގައެވެ.

އިބްރާހީމް ހަލީމް، ސަރުކާރުގެ ހިދުމަތް ފެށްޓެވީ، 5 ޖުލައި 1971 ގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ޕްރައިމް މިނިސްޓަރުގެ އޮފީހާއި، ގަވާންމަންޓް ހޮސްޕިޓަލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަން ކުރައްވައިފައިވެއެވެ. މުލީއާގޭގައި ހިދުމަތް ކުރައްވަން ފެށްޓެވީ، 12 ފެބުރުވަރީ 1977 ގައެވެ. މުލީއާގޭ ފަރީއްކޮޅު ބަހައްޓާ ކަމާއި، ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރު ކަމާއި، ޖެނެރަލް ސަރވިސަސް އޮފިސަރު ކަމާއި، ޖެނެރަލް ސާވިސަސް ސުޕަވައިޒަރު ކަމާއި، ހެޑް ވީއައިޕީ ވެއިޓަރު ކަމާއި، ޗީފް ވީއައިޕީ ވެއިޓަރުކަން ހިމެނެއެވެ.

އިބްރާހީމް ހަލީމް، މުލީއާގޭގައި ހިދުމަތް ކުރައްވަން ފެށްޓެވިފަހުން ރައީސް އަލްމަރްހޫމް އިބްރާހީމް ނާސިރުގެ އަރިހުގައާއި، އޭގެފަހުން ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްއާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަހީދާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައިވެސް ހިދުމަތް ކުރައްވާފައި ވެއެވެ.

އިބްރާހިމް ހަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ފަރާތުން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކުގައި ބާއްވަވާ ފަރިއްކޮޅުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ އިތުރުން، އެހެނިހެން ބައްދަލުވުންތަކުގެ ފަރީއްކޮޅުތައް އިންތިޒާމު ކުރުމުގައިވެސް ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުުން، މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރެއްވުމުގެ ގޮތުން، މުލީއާގެއަށް މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ދެއްވި ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައިވެސް އިބްރާހީމް ހަލީމް ހިމެނިވަޑައިގަންނަވައެވެ.