ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް އިގްތިސޯދީ ތަނަވަސްކަން ހޯދައިދިނުމުގެ ބަދަލުގައި، މީހުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަދެ ކަންކަން މަނާކުރުމަށް އިސްކަންދޭ ސަރުކާރެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާދުވިދާޅުވެ ސޯޝަލް މީޑިއާގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރު ފެންނަނީ ރައްޔިތުންނަށް މާލީ ފުދުންތެރިކަން އިތުރުކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައި ނޫން ކަމަށައި ތަފާތު ކަންކަމާ ހިލާފުވެ، އެކަންކަން މަނާކޮށްގެން މީޑިއާގެ ހެޑްލައިންތަކަށް އެރުމަށް މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.

ސަރުކާރުން ފަހަކަށް އައިސް އަޅަމުންދާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، ސިނގިރޭޓު ނުބޮވޭ ވަރަށް އޭގެ އަގު ބޮޑުކޮށް، ވޭޕް އަކީ ހަމައެކަނި ކަޅު ބާޒާރުން ލިބޭ އެއްޗަކަށް މިހާރު ހަދާފައިވާ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމުގެ ނަމުގައި ސަރުކާރުން ވަނީ ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. މީގެ އިތުރުން، 2007 ވަނަ އަހަރުގެ ފަހުން އުފަންވި މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ގާނޫނެއްވެސް ވަނީ ވުޖޫދަށް ގެނެސްފައެވެ.

މި ގާނޫނުގެ ދަށުން ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ވޭޕް ބޭނުންކުރާ ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް ނަޝީދު ވިދާޅުވި ގޮތުގައި، ޝީޝާ ބުއިން މަނާކުރުމަށް މަޝްވަރާ ކުރާކަމަށާއި ސްމާޓް ފޯން ބޭނުންކުރުން މަދުކުރުމަށް ސަރުކާރުގެ ފަރާތުން ވަކާލާތު ކުރަމުންދާ ދިއުމަކީވެސް ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށެވެ. މިއީ ދައުލަތުން ރައްޔިތުންގެ އާންމު ދިރިއުޅުމުގެ އާދަކާދަތަކަށް ނުފޫޒު ފޯރުވުން ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ

"ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއް ހުދޫދެއް ނެތި، ދެން ހައްދަވާ ގޮތަކީ ލުއި ދެއްވާ ކަމަށް ދައްކަވާން ކުރިން މަނާ ކުރެއްވި ކަންކަން ބަދަލު ކުރައްވަނީ" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން ގެންގުޅޭ އުސޫލަކީ ފުރަތަމަ ކަންކަން މަނާކުރުމަށްފަހު، ފަހުން އެ ކަންކަމަށް ލުއިދޭ ކަމަށް ދައްކައިގެން ސިޔާސީ މަންފާ ހޯދުމެވެ. މިގޮތުން ކުރިން މަނާކުރި ކަންކަން ފަހުން ބަދަލުކޮށް، އެއީ ރައްޔިތުންނަށް ދޭ ލުޔެއްގެ ގޮތުގައި ދައްކަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، އިގްތިސޯދީ ގޮތުން ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްވުރެ ބޮޑަށް ސަރުކާރުން އިސްކަންދެނީ އިޖުތިމާއީ ކަންކަން ކޮންޓްރޯލް ކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ އާމްދަނީ ދަށްވަމުންދާ ދަނޑިވަޅެއްގައި، ދުންފަތާއި ވޭޕް ފަދަ ތަކެތި މަނާކުރުމަށް ސަރުކާރުން ހޭދަކުރާ ވަގުތާއި ހަކަތަ، އިގްތިސޯދު ކޮޅަށްޖެހުމަށް ހޭދަކުރުން މާ މުހިންމު ކަމަށް އިދިކޮޅު ޕާޓީތަކުން ވަކާލާތު ކުރެއެވެ. ހާއްސަކޮށް ކޮންސްޓްރަކްޝަން ކުންފުނިތަކާއި އާންމު ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށާއި ގެސްޓްހައުސް ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ނުހޯދައި، ރައްޔިތުންގެ ޒާތީ ކަންކަމާ ބެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.